ދ. އަތޮޅުގައި މި މަހު ޕާސްޕޯޓުގެ ހިދުމަތް ފެށިގެންދާނެ ކަމަށް އެ އަތޮޅު ކައުންސިލުން ބުނެފިއެވެ.
ދ. އަތޮޅު ކައުންސިލުން އިއްޔެ ވަނީ ހޯމް މިނިސްޓަރު އަލީ އިހުސާނާއެކު ބައްދަލުވުމެއް ބާއްވައި އެ އަތޮޅުގައި ފެށުމަށް ހަމަޖެހިފައިވާ ޕާސްޕޯޓުގެ ހިދުމަތްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ.
އެކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ދެމުން އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ޝާފިއު "ވަން" އަށް މިއަދު ވިދާޅުވީ ދ. އަތޮޅުގައި ޕާސްޕޯޓުގެ ހިދުމަތް ދިނުމަށް ކުރަން ޖެހޭ މަސައްކަތުގެ 99 ޕަސެންޓު ނިމިފައިވާ ކަމަށެވެ.
"މިހާރު މި ކޮޅުގައި އިމިގްރޭޝަނުން ވެސް އެބަ ހަރަކާތްތެރިވޭ. މިމަހު 16 ގައި ފުރަތަމަ ޕާސްޕޯޓް ދޫކުރާނެ." އަހުމަދު ޝާފިއު ވިދާޅުވިއެވެ.
ޝާފިއު ވިދާޅުވީ ޕާސްޕޯޓުގެ ހިދުމަތް ރަސްމީކޮށް އެ އަތޮޅުގައި ފަށްޓަވައިދެއްވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ. އެއަށްފަހު މިމަހު 17 އިން ފެށިގެން އާންމުކޮށް ޕާސްޕޯޓު ހިދުމަތް ލިބެން ހުންނާނެ ކަމަށް ޝާފިއު ވިދާޅުވިއެވެ.
ޝާފިއު ވިދާޅުވީ އިމިގްރޭޝަންގެ އޮފީސް ހުންނާނީ ދ. އަތޮޅު ކައުންސިލް ހިންގާ އިމާރާތުގައި ކަމަށެވެ.
އަތޮޅު ކައުންސިލުން، ހޯމް މިނިސްޓްރީއާއެކު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވަނީ މިމަހު 17 ގައި ޕާސްޕޯޓުގެ ހިދުމަތް ދ. އަތޮޅުގައި ފެށޭނެ ކަމުގެ ޔަގީކަން ދެއްވައިފައި ކަމަށް ވެސް އަހުމަދު ޝާފިއު ވިދާޅުވިއެވެ.
ދ. އަތޮޅުގައި މިދިޔަ ހަފުތާގެ ތެރޭގައި ވަނީ އައިޑީ ކާޑު ޕްރިންޓުކޮށް ފޯރުކޮށްދިނުމުގެ ހިދުމަތް ވެސް ފަށައިފައެވެ.