އދ. ގެ ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ)ގެ ދަށުން ބާއްވާ 29 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީޒް (ކޮޕް29) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަޒަރްބައިޖާންގެ ބާކޫއަށް ވަޑައިގެންފިއެވެ.
އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުއިއްޒު ވަޑައިގަތުމުން އެ ގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުން ވަނީ އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ. ރައީސްގެ މި ދަތުރުފުޅުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސް އޮފީހުން ބުނީ، ކޮޕް29ގެ އެޖެންޑާގައި އެންހޭންސްޑް ޓްރާންސްޕޭރެންސީ ނެޓްވޯކް ފުރިހަމަ ކުރުމަށާއި ހުރިހާ މެންބަރުން ހިއްސާކުރާ މާލީ އާ ލަނޑުދަނޑިއެއް ކަނޑައެޅުމަށާއި ބައިނަލްއަގުވާމީ ގޮތުން އެއްބާރުލުން ދިނުން އިތުރު ކުރުމަށާއި ނޭޝަނަލީ ޑިޓާމައިންޑް ކޮންޓްރިބިއުޝަންސް (އެންޑީސީ) ތަރައްގީ ކުރުމުގައި ހުރި ގޮންޖެހުންތަކުން އަރައިގަނެވޭނޭ ގޮތްތަކާމެދު މަޝްވަރާކުރުމަށް ސަމާލުކަން ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ރައީސް އަޒަރުބައިޖާނަށް ވަޑައިގެންފައި މިވަނީ، ސައޫދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ދައުވަތަކަށް، ސައުދީގެ ރިޔާލުގައި ބޭއްވި ޖޮއިންޓް އަރަބް-އިސްލާމިކް އެކްސްޓްރާއޯޑިނަރީ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށްފަހުއެވެ.