ޖަލުތަކުގެ ލައިބްރަރީއަށް ފޮތް ހަދިޔާ ކުރުމުގެ ޕްރޮގްރާމް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ފައްޓަވައިދެއްވައިފިއެވެ.
ހޯމް މިނިސްޓްރީން ބުނިގޮތުގައި ފޮތް ހަދިޔާކުރުމުގެ ޕްރޮގްރާމް އޮންނާނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ރޭގެ ނިޔަލަށް އަމީނިއްޔާ ސްކޫލްގެ ހޯލްގައެވެ. ފޮތް ހަދިޔާކުރުމުގެ ފުރުސަތު އޮންނާނީ ހެނދުނު 10:00 ން 15:00 އަށް، އަދި ރޭގަނޑު 21:00 ން 23:00 އަށެވެ. ހުކުރު ދުވަހު އޮންނާނީ ރޭގަނޑު 21:00 ން 23:00 އަށެވެ.
މި ޕްރޮގްރާމް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނާ އޮފް ޕްރިޒަންސް އަބުދުﷲ މުނާޒް ވިދާޅުވީ ޖަލުތަކުގެ ރިހިބެލިޓޭޝަން ޕްރޮގްރާމްތައް މުރާޖައާކޮށް، ހަރުދަނާކުރުމަށް ކުރައްވާ މަސައްކަތްތަކުގެ ދަށުން ފޮތް ހަދިޔާކުރުމުގެ ޕްރޮގްރާމަކީ ސީދާ މިނިސްޓަރުގެ އިިސްނެންގެވުމުގެ މަތިން ކުރިއަށްގެންދަވާ ޕްރޮގްރާމެއްކަމަށެވެ.
ޕްރޮގްރާމް ނިމުމުންވެސް ދާއިމީގޮތެއްގައި ފޮތް ހަދިޔާ ކުރުމުގެ އިންތިޒާމް ހަމަޖައްސަވާނެކަމަށް މުނާޒް ވިދާޅުވިއެވެ.