މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ މީހަކު މަރުވެއްޖެއެވެ.
މިއަދު ހަވީރު މާފުށީ ޖަލުގައި މަރުވެފައިވަނީ އައްޑޫ ސިޓީ މަރަދޫ، ފޯ ފްލާވާ އިބްރާހިމް ޝަމްވީލް (23އ) އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ މިއަދު ހަވީރު 4:20 ހާއިރު ޝަމްވީލް މާފުށީ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށާއި ހަވީރު 4:55 ގައި އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރު ކަނޑައަޅާފައިވާ ކަމަށެވެ.
ޝަމްވީލަކީ މީހެއްގެ ފުރާނައަށް ގެއްލުމެއް ދީފާނެކަމުގެ ބިރުދައްކައި އެފަދަކަމެއް ކޮށްފާނެކަމުގެ ކުށުގައި އެއް އަހަރާއި ހަ މަސް ދުވަހުގެ ހުކުމެއް ތަންފީޒުކުރަމުންދިޔަ މީހެކެވެ.
ކަރެކްޝަންސް އިން ބުނީ ޝަމްވީލް މަރުވުމާ ގުޅިގެން އެ ސާވިސްއިން ވަނީ ވަގުތުން އެކަން ފުލުހުންނަށާއި އޭނާގެ އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންއަށް އަންގާފައި ކަމަށެވެ.