ޚަބަރު

ހެލްތް އެކްސްޕޯ ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެއްޖެ

ހެލްތް މިނިސްޓްރީން އިންތިޒާމު ކޮށްގެން ބޭއްވި ހެލްތް އެކްސްޕޯ 2024 ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ބައިވެރިވެއްޖެއެވެ.

އާންމުންނަށް ސިއްހީ ކަންކަމާގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި މިދިޔަ ބުރާސްފަތި އަދި ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި އެ ހަރަކާތުގައި ސިއްހި ހިދުމަތްދޭ ފަރާތްތަކާއި ވެލްނެސް ޖަމިއްޔާތަކާއި ސަޕްލަޔަރުންނާއި ސިއްހީ މައުލޫމާތު ދޭ ފަރާތްތަކުގެ ހިދުމަތް ފޯރުކޮށްދިނެވެ.

އެ އެކްސްޕޯގައި ޓްރީ ޓޮޕް ހޮސްޕިޓަލްގެ ފެމިލީ މެޑިސިން ޑޮކްޓަރުންނާއި ދަތުގެ ހާއްސަ ޑޮކްޓަރުން އަދި ޑައިޓީޝަނުން ވަނީ ދުޅަހެޔޮ ދިރިއުޅުމަކަށް އެޅިދާނެ ފިޔަވަޅުތަކާގުޅޭ މައުލޫމާތުތަކާއި ޓްރީ ޓޮޕް ހޮސްޕިޓަލުން ލިބެން ހުރި ފަރުވާގެ މައުލޫމާތުތައް އާންމުންނަށް ފޯރުކޮށްދީފައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ، ހެލްތް އެކްސްޕޯއަކީ އާންމުންނާ ގުޅުން ބަދަހިކޮށް، މުޅި މުޖުތަމައުއަށް ފައިދާ ކުރާނެ އަދި ދުޅަހެޔޮ ދިރިއުޅުމަކަށް އަޅަންޖެހޭ ފިޔަވަޅުތައް ކުރިއެރުވުމަށް ލިބުނު އަގުހުރި ފުރުސަތެއް ކަމަށެވެ. އަދި މުޖުތަމައުގެ ސިއްހަތު ކުރިއެރުވުމަށް އަދި އެފަދަ ކަންކަމާ ގުޅޭ ގޮތުން އާއްމުން ހޭލުންތެރިކުރުވުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ހޮސްޕިޓަލުން އިސްކަންދޭނެ ކަމަށްވެސް ބުންޏެވެ.

ހެލްތް އެކްސްޕޯއާ ގުޅިގެން ޓްރީ ޓޮޕް ހޮސްޕިޓަލްގެ ސީއީއޯ ޑރ .ސްރީވަތުސަން ސްރީދާ ޖީ. ވިދާޅުވީ، ހެލްތް އެކްސްޕޯގައި ބައިވެރިވުމަކީ ދިވެހި ރައްޔިތުންގެ ސިއްހަތާއި ދުޅަހެޔޮ ކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާ ގުޅިފައިވާ ކަމެއް ކަމަށެވެ.

އަދި އެކަހަލަ ހަރަކާތްތަކުގެ ތެރެއިން މުޖުތަމައުއާ ގުޅުން ބަދަހިކޮށް، މި ހޮސްޕިޓަލުގެ ހެލްތް ކޭމްޕްތަކުގެ ހިދުމަތާއި ހިލޭ ހެލްތް ސްކްރީން އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ކުޅިވަރު މުބާރާތްތަކުގައި މެޑިކަލް ސަޕޯޓް ދިނުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން އަބަދުވެސް ޝައުގުވެރިވާ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ، އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކޮށް، ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުން ކަމަށެވެ.

އެގޮތުން އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާއެކު، ޓްރީޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ސްޕެޝަލިސްޓުންނާއި ސިއްހީ ދާއިރާގައި އެކި ނަން މަޝްހޫރު ދާއިރާތަކުން ހާއްސަވެފައިވާ ޑޮކްޓަރުންގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިން ކަމަށްވެސް ބުންޏެވެ.