ޚަބަރު

އިންތިހާބަށް ޗާޕުކުރީ 264،756 ވޯޓު ކަރުދާސް: އިލެކްޝަންސް

އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް 264،756 ވޯޓު ކަރުދާސް ޗާޕު ކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

މިއަހަރުގެ އިންތިހާބުގައި 262،135 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. އެ އިންތިހާބުގައި ވާދަކުރައްވަނީ ޕީޕީއެމްގެ ފަރާތުން ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި އިދިކޮޅު އިއްތިހާދުގެ ފަރާތުން އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެވެ.

ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދުގެ އިތުރަށް އެއް ޕަސެންޓް ކަރުދާސް ޗާޕްކުރަން ގާނޫނުން ހުއްދަކުރާ އިރު، އެއަށްވުރެ އިތުރަށް ޗާޕް ކޮށްފައިނުވާނެ ކަމަށް އިލެކްޝަނުން ބުނެއެވެ.

ވޯޓު ކަރުދާސްތައް ޗާފް ކޮށްފައިވަނީ އެމް ސެވަން ޕްރިންޓާސް ޕަބްލިޝާސްއިންނެވެ. ވޯޓު ކަރުދާސް ޗާޕު ކުރުމަށް ދެ ޗާޕުހާނާއަކުން ކުރިމަތިލި ނަމަވެސް، އެމް ސެވަންއާ ހަވާލުކުރީ ދެން ކުރިމަތިލީ ޗާޕުހާނާއިން ހުށަހެޅި އަގަށްވުރެ ބޮޑު އަގެއްގައި ކަމަށް ވާހަކަތައް ދެކެވެއެވެ.

އިލެކްޝަނުން މިހާރު ވަނީ ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ޗާޕުކުރި ވޯޓު ކަރުދާސްތައް ރަށްތަކަށް ފޮނުވަން ފަށައިފައެވެ.