ޚަބަރު

ރައްޔިތުން މަތިން ހަނދާން ނައްތާލައި، އަމިއްލަ މަސްލަހަތު އިސްކުރާ ސިޔާސީ މީހަކަށް ވާން ބޭނުމެއް ނޫން: ރައީސް

ރައްޔިތުން މަތިން ހަނދާން ނައްތާލައި، އަމިއްލަ މަސްލަހަތު އިސްކުރާ ސިޔާސީ ބޭފުޅަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންނަށް މުހިންމު އަދި އުނދަގޫ ބޮޑެތި މައްސަލަތަކުގައި ޖެހިލުމެއް ނެތި އަތްލަނީވެސް، އެ މަނިކުފާނަކީ އެފަދަ ސިޔާސީ ބޭފުޅަކަށް ނުވާތީ ކަމަށެވެ.

"ބައެއް މީހުން ބުނޭ އަޅުގަނޑަކީ ސިޔާސީ މީހެއް ނޫނޭ. ސިޔާސީ މީހަކަށް ވުމަކީ ތިމަންނަ ބޭނުންވާ ގޮތް އިސްކޮށް، މަވެތިކަން އިސްކޮށް، ރައްޔިތުން މަތިން ހަނދާން ނައްތާލައި، އޭނާގެ ހުރިހާ މަސްލަހަތެއް އިސްކުރުން ކަމަށްވަންޏާ އަޅުގަނޑު އެކަހަލަ ސިޔާސީ މީހަކަށް ވާކަށް ބޭނުމެއް ނޫން. ފަހުރުވެރިކަމާއެކު މިއީ އެކަހަލަ ސިޔާސީ މީހެއް ނޫން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 20 އަހަރުގެ މާސްޓާޕްލޭނެއް ކަނޑައަޅާނެ ވާހަކަ ދަންނަވާފައިވާނީ ވަރަށް މުހިންމު ސަބަބަކަށްޓަކައި ކަމަށާއި ރައްޔިތުން ވެރިކަމަށް މީހަކު ހޮވީމާ ރައްޔިތުން މަތިން ހަނދާން ނައްތާލާފައި ވެރިކަން ދިފާއުކުރުމަށްޓަކައި އެކި ކަހަލަ ނުބައި ރޭވުންތައް ރާވައި، ޑާޓީ ޕޮލިޓިކްސް ކުޅުމަކީ ކަން އޮންނަންވާނެ ގޮތް ނޫން ކަމަށެވެ.

"އަޅުގަނޑު ނިންމީ 20 އަހަރު ދުވަހަށް ރައްޔިތުން ކައިރީ އަހައިގެން، ހުރިހާ ރަށެއްގެ ރައްޔިތުން ކައިރީ އަހާނަން، ރައްޔިތުން ކައިރީގައި އަހައިގެން ރައްޔިތުން ރާއްޖެ ތަރައްގީކުރަން ބޭނުންވާ ގޮތެއް ނިންމަން. ކޮންމެ ދައުރެއް ބަދަލުވެގެން ސިޔާސީ ބަޔަކު ބޭނުންވާ ގޮތަށް ޖަހަން އޮންނަ ބޯޅައެއްހެން ރައްޔިތުންތައް ބޭނުންނުކޮށް، ރައްޔިތުން ކައިރީ އަހާލުމެއް ކަހާލުމެއް ނެތި ބޭނުންހާ ގޮތަކަށް ބަދަލުކޮށްލާ ގޮތަކަށް ރާއްޖޭގެ ކަންކަން ބާއްވާކަށް ބޭނުމެއް ނޫން. ހުރިހާ ރަށެއްގެ ރައްޔިތުން ކައިރީ އަހައި، ފަންނީ ބޭފުޅުން ކައިރީގައި އަހައި، ހުރިހާ ސްޓޭކްހޯލްޑަރުންގެ މަޝްވަރާއާ އެކީގައި ހެދޭ ރާއްޖޭގެ ތަރައްގީގެ ޕްލޭނެއް އޮންނަން ބޭނުމޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގާނޫނުއަސާސީން ވެސް ބާރު ލިބޭ ގާނޫނެއް އެކަމަށް ހާއްސަކުރެވިގެންދާ ކަމަކަށް ހަދަން ބޭނުންފުޅުވާ ކަމަށާއި އެކަމަށް ވައުދުވެވަޑައިގެން މިހާރު އެކަމުގެ މަސައްކަތްތައް ފެށިފައިވާ ކަމަށެވެ. އަދި އެކަން ވެސް އޮޅުވާލަން ބައެއް މީހުން މަސައްކަތްކުރާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ހުވާކުރި ދުވަހު، ހުވާކޮށް ރައްޔިތުންނާ ވާހަކަދައްކަމުން ދެންނެވިން މިކަމުގެ ބޭނުމަކީ ދިވެހި ރައްޔިތުންގެ ހުވަފެންތަކާއި ތަސައްވަރުތަކުގެ އެހީގައި ރައްޔިތުންގެ އެދޭގޮތަށް ދިވެހިރާއްޖޭގެ މުސްތަގުބަލު ކުރަހައި ބައްޓަންކުރުން، ރައްޔިތުންގެ އެ ހުށަހެޅުންތަކުގެ މައްޗަށް ކުރިއަށްއޮތް 20 އަހަރު ދުވަހަށް ގައުމީ ތަރައްގީގެ މާސްޓާޕްލޭނެއް އެކުލަވާލައި، އެ ޕްލޭނަށް ގާނޫނީ ބާރުވެރިކަން ދިނުން، މިވަގުތަށް އެކަށައެޅިފައި ހުރި ކަންކަމަށް ބަލާއިރުވެސް ރާއްޖޭގެ އެންމެ އުތުރާއި އެންމެ ދެކުނުގައި އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނުގެ ދެ ޒޯނެއް ތަރައްގީކުރަން ކަނޑައެޅިފައިވާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

އޭގެ އިތުރުން އެހެން ސަރަހައްދުތައް ޝާމިލުވާހެން ހަތް އާބަން ސެންޓަރެއް ނުވަތަ އުމްރާނީ ބިނާވެށީގެ ހަތް ބިނާވެއްޓެއް ރާއްޖޭގެ ހަތް ސަރަހައްދެއްގައި ފައްކާކުރެވޭނެ ކަަމަށް ރައީސް ވިދާޅުވިއެވެ.