ސިޔާސީ މީހެއް ވިއްޔާ، އެކުވެރިއެއް އަދި ތިމާގެ މީހެއް ވިޔަސް ޖަލަށްލުމުގެ ޒަމާނެއް ދެން ނުފެންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި ރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް އެހެން ވިދާޅުވެފައިވާ އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި އާއިލާގެ ބައެއް ބޭފުޅުން ޖަލުގައި ދުވަސްތަކެއް ހޭދަކުރަން ޖެހުނެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން ހިމެނިވަޑައިގަންނަވައެވެ. އޭގެ އިތުރުން ރައީސް ޔާމީންއާ އޭރު ގާތް ގުޅުމެއް އޮތް، އޭރުގެ ޑިފެންސް މިނިސްޓަރު އަދި މިހާރު މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވެސް ޖަލުގައި ދުވަސްތަކެއް ހޭދަކުރެއްވިއެވެ.
ރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ ކުރީގައި ފެނުނުގޮތަށް ސިޔާސީގޮތުން ބަދަލު ހިފުމުގެ ރޫހެއް މިހާރު ނުފެންނާނެ ކަމަށާއި ވާދަވެރިޔާ އެއީ ސިޔާސީ ވާދަވެރިޔަކަށްވީތީ ގެންގޮސް ހިފައި ހައްޔަރުކޮށް ޖަލަށްލާ މަންޒަރެއް ނުފެންނާނެ ކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައި ވެސް އެފަދަ މަންޒަރެއް ނުފެންނާނެކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވިއެވެ.
"މީގެ ކުރީގައި އެކަން އޮތީ އެގޮތަށް ފެނިފައި. އެކިގޮތްގޮތުން ފްރޭމުކޮށްގެންވިޔަސް، ނޫނީ އެހެން ގޮތަކުން ވިޔަސް އަނިޔާވެރިކަމާއެކީގައި ސިޔާސީ ވާދަވެރިން ގެންގޮސް ޖަލަށްލައި އަނިޔާކޮށްފައިވޭ. އެއީ ތިމަންނައާ ތިމާގެ މީހެއް ވިޔަސް، ތިމަންނަގެ ރައްޓެއްސެއް ވިޔަސް، ކޮންމެ މީހެއް ވިޔަސް، ސިޔާސީ މީހެއް ވިއްޔާ ދުރަށްލައި އެއްކައިރިކޮށްލުމުގެ ޒަމާން މި ގައުމުން އިރާދަކުރެއްވިއްޔާ ތާއަބަށް މި ވެރިކަން ފެށުނު ދުވަހުން ފެށިގެން އެވަނީ ނެތިގެން ގޮސްފައި. އިރާދަކުރެއްވިއްޔާ އެކަމެއް ދެން މި ރާއްޖެއަކުން ނުފެންނާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރިޔާސީ ކޮމިޝަންތައް ހަދައިގެން ކުރީގެ މީހުން ކުރަމުންދިޔަ ކަންކަމަށް ސިޔާސީ ގޮތަކުން ވަދެގެން ކަންކަން ކުރާ ތަނެއް މިހާރު ނުފެންނާނެ ކަމަށާއި ނަމަވެސް ވައްކަންކޮށްފައި ހުރެއްޖެއްޔާ އަދި ގައުމުގެ މުދާ ނުހައްގުން ހޯދާފައިވަންޏާ އެކަންކަން ބަލާނެ ކަމަށެވެ.
"ރައްޔިތުންގެ ހައްގުތަކަށް ހަގީގަތުގައި އަރައިގަނެފައި ހުރިއްޔާ އެކަންކަން ބަލާނެ އޮންނަ އުސޫލުގެ ތެރެއިން. ރިޔާސީ ކޮމިޝަނެއް ނަހަދާނެ. މިނިވަން މުއައްސަސާތައް އެބަހުރި، ދުސްތޫރީ ނިޒާމު އެބައޮތް، ޝަރުއީ ނިޒާމު އެބައޮތް. ނިޒާމުގެ ތެރެއިން އެކަންކަން ބެލޭނީ. ކުރީގައި ފެނުނު ގޮތަށް އެކި ކަހަލަ ކޮމިޝަންތައް ހަދައިގެން ސިޔާސީގޮތުން މީހުންގެ ފަހަތުން ދުވެ، ގައުމުގެ ހަމަޖެހުން ނަގާލައި ބަދަލު ހިފުމުގެ ރޫހު ގެނައުން އެއީކީ ރައްޔިތުން އެދޭ ގޮތެއް ނޫން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެ މަނިކުފާނު ވައުދުވެވަޑައިގެންފައިވާނީ އެކަންކަން ހަމައަކަށް އަޅުވައި ގައުމަށް ހަމަޖެހުން ގެންނެވުމަށް ކަމަށާއި ވައުދުވެވަޑައިގެންނެވި ގޮތަށް އެކަންކަން ފުއްދަވަމުން ގެންދަވާ ކަމަށެވެ.