ފޮރިން މިނިސްޓްރީ

އުކުޅަހުގައި ކޮންވެންޝަން ސެންޓަރެއް އެޅުމަށް އިންޑިއާއިން ހިލޭ އެހީ ދީފި

އއ. އުކުޅަހުގައި ބައިނަލްއަގުވާމީ ފެންވަރުގެ ކޮންވެންޝަން ސެންޓަރެއް އެޅުމަށް އިންޑިއާ ސަރުކާރުން ހިލޭ އެހީ ދީފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގެ ތަރައްގިއަށް ބޭނުންވާ ޕްރޮޖެކްޓްތައް ހިންގުމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފައިވާ 100 މިލިއަން ރުފިޔާގެ ހިލޭއެހީގެ ތެރެއިން އުކުޅަހުގައި ބައިނަލްއަގްވާމީ ފެންވަރުގެ ކޮންވެންޝަން ސެންޓަރެއް އެޅުމަށް 7,806,900.00 ރުފިޔާގެ ހިލޭ އެހީ ލިބިފައިވާ ކަމަށެވެ.

އުކުޅަހުގައި ކޮންވެންޝަން ސެންޓަރެއް އެޅުމުގެ މަގުސަދަކީ އެ ރަށު ކައުންސިލާއި، އެ ރަށުގައި ކުރިއަރަމުން އަންނަ ގެސްޓް ހައުސް ވިޔަފާރިއާއިި ތަފާތު އެހެނިހެން ކަންކަން ފުޅާދާއިރާއެއްގައި ޕްރޮމޯޓް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ބައްދަލުވުންތަކާއި ކޮންފަރެންސްތައް ބޭއްވުމަށް އެކަށީގެންވާ ތަނެއް ހޯދައިދިނުން ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

އަދި މީގެ އިތުރުން މި ކޮންވެންޝަން ސެންޓަރު ފަރުމާކުރެވޭނީ ބައިނަލްއަވާމީ ފެންވަރުގެ ބައްދަލުވުންތައްވެސް ބޭއްވޭ ގޮތަށް ކަމަށް ބުނެފައިވެއެވެ. އަދި މިފަދަ ކޮންވެންޝަންތައް ސެންޓަރުތައް ރާއްޖޭގެ އަތޮޅުތަކުގައި މިހާރު މަދުކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން ފޮރިން މިނިސްޓްރީން ބުނީ ވާނީގައި ހުންނަ ފުލުހުން ތަމްރީނު ކުރާ ހާއްސަ މަރުކަޒަށް ޕްރޮޖެކްޓުތައް ހިންގުމަށްވެސް އެހީ ހަމަޖައްސާފައިވާ ކަމަށެވެ.

100 މިލިއަން ރުފިޔާގެ ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވީ މި އަހަރުގެ މާޗް މަހު 17 އިން 18 އަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖު މިމަހުގެ 17 އިން 18 އަށް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ.