ޚަބަރު

ރިޔާސީ އަހަރު ފަށާ ދުވަސް ނޮވެމްބަރު 11 އަށް ބަދަލުކުރަން ރައްޔިތުންގެ ވޯޓެއް ނަގަނީ

ރިޔާސީ އަހަރު ފަށާ ދުވަސް ނޮވެމްބަރު 11 އަށް ބަދަލުކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޖުމްހޫރީ ދުވަހަކީ ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހެވެ. 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލުކުރުމުން އެ އަހަރުގެ ނޮވެމްބަރު 11 އަށް އާ ރައީސަކު އިންތިހާބު ނުކުރެވުމުގެ ސަބަބުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުވާކުރެއްވީ އެ އަހަރުގެ ނޮވެމްބަރު 17 ގައެވެ. އެ ފަހުން ވެރިކަމުގެ ދައުރު ގުނަމުން އަންނަނީ ނޮވެމްބަރު 17 އިން ފެށިގެންނެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސިޔާސީ އޮއިވަރުގައި ޖެހިގެން ޖުމްހޫރީ ދުވަސް ވެސް މިވަނީ ހަފުތާއެއް ކައްސާލާފައި ކަމަށާއި ޖުމްހޫރީ ދުވަހަކީ ނޮވެމްބަރު 11 ކަމަށްވިޔަސް، މިހާރު ރައީސުލްޖުމްހޫރިއްޔާ ހުވާކުރައްވާ ދުވަހަކީ ނޮވެމްބަރު 17 ކަމަށެވެ. އަދި ގާނޫނު އޮންނަ ގޮތުން އެއީ ރައީސް އަމިއްލަފުޅަށް ބޭނުންފުޅުވެގެން ނިންމެވޭނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

"މި ތިއްބެވި އިއްޒަތްތެރި މަޖިލިސް މެންބަރުންނަށް ވެސް ނުނިންމޭނެ. ރައްޔިތުން ގާތަށް ދާން މި ޖެހެނީ. ރައްޔިތުން ގާތު އަހާލަން އެބަޖެހޭ ފެންނަ ނުފެންނަ ވޯޓަކަށް ޖުމްހޫރީ ދުވަސް، މާނައަކީ މި ދައުރު ނިމޭ ދުވަސް، 2028ގެ ނޮވެމްބަރު 11 އަށް ބަދަލުކުރަން، ދައުރު ބަދަލުކުރަން، ހަފުތާއެއް ކުރުވުން. ރައްޔިތުން އެގޮތަށް ރުހެންތޯ އަޅުގަނޑު ރައްޔިތުން ގާތު އަހާލާނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރައްޔިތުން އެގޮތަށް ރުހެންޏާ، ރިޔާސީ ދައުރު ފެށޭ ދުވަސް ނޮވެމްބަރު 17ގެ ބަދަލުގައި ނޮވެމްބަރު 11 އަށް ބަދަލުކުރައްވާނެ ކަމަށާއި އެކަމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށެވެ.