ޚަބަރު

ފަރިތަކުރުންތައް ފެށީ ހަމަލާއެއް ދޭން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެއް ނޫން: ފުލުހުން

ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށްގެންދާ ފަރިތަކުރުންތަކަކީ ނުރައްކާތެރި ހަމަލާއެއް ދޭން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފެށި ފަރިތަކުރުންތަކެއް ނޫން ކަމަށް ފުލުހުން ބުނެފިއެވެ.

ރާއްޖޭގައި ނުރައްކާތެރި ހަމަލާއެއް ހިންގަން އުޅޭކަމަށް މީސްމީޑިއާގައި ފެތުރެމުންދާ ވާހަކަތަކާ ގުޅިގެން ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސިފައިންނާއި ފުލުހުން ކުރިއަށްގެންދާ ފަރިތަކުރުންތަކަކީ ވަކި ހާއްސަ ކަމަކާ ގުޅިގެން ނުވަތަ ނުރައްކާތެރި ހަމަލާއެއް ދޭން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިއަށްގެންދާ ތަމްރީނުތަކެއް ނޫން ކަމަށެވެ.

މިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ސްރީލަންކާއަށް ދިން ހަމަލާތަކާ ގުޅިގެން ރާއްޖޭގެ ސަލާމަތީ ކަންތައްތައް ވަރުގަދަކުރުމުގެ ގޮތުން ފުލުހުން ސިފައިން ވަނީ މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން ސިލްސިލާ ފަރިތަކުރުންތަކެއް ފަށާފައި ކަމަށާއި އެ ފަރިތަކުރުންތަކުގެ މަގުސަދަކީ ކުއްލި ހާލަތްތަކުގައި އެކި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރާނެ ގޮތާއި އަދި "މަލްޓި އެޖެންސީ ކޯރޑިނޭޝަން" ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން ކަމަށް ފުލުހުން ބުންޏެވެ.

"މިއީ އެއްވެސް ދިމާލަކުން ލިބުނު އިންޒާރަކާ ގުޅިގެން ހިންގަން ފެށި ފަރިތަކުރުންތަކެއް ނޫންކަން ދަންނަވަމެވެ. އަދި މިއީ މޯލްޑިވްސް ޕޮލިސް ސާވިސްގެ 2024-2019 އަށް އެކުލަވާލެވުނު ސްޓްރެޓީޖިކް ޕްލޭންގެ ޕްރައޯރިޓީއެއް ކަމުގައިވާ އޮޕަރޭޝަނަލް ރެޑީނެސްގެ ދަށުން ކުރަން އިސްކަންދީފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ފާހަގަކުރަމެވެ..،" ފުލުހުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުން ބުނީ އިތުބާރު ނުހިފޭ މަސްދަރުތަކުން ލިބޭ މައުލޫމާތާއި ކަށަވަރުނުވާ ތެދުނޫން މައުލޫމާތު މީސްމީޑިއާގައި ނުފެތުރުމަށް އިލްމާސްކުރާ ކަމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޝައްކު އުފެދޭ ޒާތުގެ އެއްވެސް ކަމެއް ފާހަގަކުރެވޭ ނަމަ، ލަސްނުކޮށް ފުލުހުންގެ ހޮޓްލައިން ނަމްބަރު 119 ނުވަތަ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމްގެ ސެންޓަރުގެ ހިލޭ ގުޅޭ ނަމްބަރު 1615 އަށް ގުޅުއްވައި ރިޕޯޓު ކުރުމަށް އެދޭ ކަމަށެވެ.

މީސްމީޑިއާ ފެތުރެމުންދާ އެ ވާހަކަތަކާ ގުޅިގެން ފުލުހުންގެ އިތުރުން ސިފައިން އަދި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމްގެ ސެންޓަރު (އެންސީޓީސީ) އިން ވެސް މިރޭ ވަނީ ބަޔާނެއް ނެރެފައެވެ.

އެމްއެންޑީއެފް އިން މިރޭ ބުނީ އެ ފަރިތަކުރުންތަކަކީ ސްރީލަންކާގައި ދިން ހަމަލާއަށްފަހު ކުރިއަށްގެންދާ ފަރިތަކުރުންތަކެއް ކަމަށާއި އެއީ ވަކި އިތުރު ކަމެއް މެދުވެރިވެގެން ކުރިއަށްގެންގެންދާ ފަރިތަކުރުންތަކެއް ނޫން ކަމަށެވެ. އެހެންނަމަވެސް އެއްވެސް ހާލަތެއްގައި ޝައްކުވާ ޒާތުގެ ކަމެއް ހިނގާނަމަ ރިޕޯޓު ކުރުމަށް ސިފައިންނާއި އެންސީޓީސީ އިން ވެސް ވަނީ އިލްމާސްކޮށްފައެވެ.