ދުނިޔޭގެ ފުޓުބޯޅައިގައި ދެވޭ އެންމެ ޝަރަފުވެރި އެއް އިންޑިވިޖުއަލް އެވޯޑު، ބެލޮންޑިއޯ 2024ގެ އެންމެ މޮޅު ކުޅުންތެރިޔާ ހޯދުމަށް ވޯޓު ދީފައިވާ ގޮތް ފްރާންސް ފުޓުބޯޅައިން ހާމަކޮށްފިއެވެ.
ފްރާންސްގެ ފުޓުބޯޅަ ނޫހެއް ކަމަށްވާ، ފްރާންސް ފުޓުބޯޅައިން 1956 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ބެލޮންޑިއޯ އެވޯޑުގެ ހައިބަތު ބޮޑުވުމުން 2010 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ފީފާއިން ވަނީ އެ އިދާރާއިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަކީ ވެސް ބެލޮންޑިއޯ ކަމަށް ހަމަޖައްސައިފައެވެ. އެ އެއްބަސްވުން ހަމަވެ، 2016 ވަނަ އަހަރުން ފެށިގެން ފީފާއިން އަނެއްކާވެސް ވަނީ ފީފާ ދަ ބެސްޓް އެވޯޑު ތައާރަފުކޮށް ދޭން ފަށައިފައެވެ. އެހެން ނަމަވެސް އަދިވެސް ބެލޮންޑިއޯގެ ހައިބަތަށް ބަދަލެއް ނާންނަކަމަށް ތަޖުރިބާކާރުންގެ ނަޒަރުގައި ބުނެވިދާނެއެވެ. މިވަގުތު ވެސް ފީފާގެ އެވޯޑަށްވުރެ މަގުބޫލީ ބެލޮންޑިއޯއެވެ.
ބެލޮންޑިއޯގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާއަށް ވޯޓު ދޭ ނޫސްވެރިންނަކީ ފީފާ ރޭންކިންގެ އެންމެ ވަރުގަދަ 100 ގައުމުގެ ނޫސްވެރިންނެވެ. އަދި އަންހެން އެންމެ މޮޅު ކުޅުންތެރިޔާ ހޮވާނީ އަންހެން ރޭންކިންގެ އެންމެ މަތީގައި އޮންނަ 50 ގައުމުގެ ނޫސްވެރިން ވޯޓު ދީގެންނެވެ.
ވޯޓިން އޮންނަ ގޮތަށް ބަލާ އިރު، އޭގެން ކޮންމެ ގައުމަކުން ވެސް އެއް ނޫސްވެރިއަކަށް ވޯޓު ދެވޭނެއެވެ. އެ ނޫސްވެރިޔާ އެންމެ ގަދަ 10 ހޮވަން ފުރުސަތު ދީފައިވާ އިރު، އެއްވަނައަށް ދޭ ނަމަށް 15 ޕޮއިންޓް ލިބޭނެއެވެ. ދެވަނަ މަގާމަށް 12 ޕޮއިންޓް ލިބޭ އިރު، ތިންވަނައަށް ލިބެނީ 10 ޕޮއިންޓެވެ. އޭގެފަހުން ދެން ތަރުތީބު ކުރާ ނަންތަކަށް ޕޮއިންޓް ލިބެނީ 8، 7، 5، 4، 3 އަދި 2 އެކެވެ.
ބެލޮންޑިއޯ ފިރިހެން އެވޯޑު ސްޕެއިންގެ ރޮޑްރީއަށް ލިބުމުން، އެކަމުގައި މައްސަލަތަކެއް ޖެހި، ރެއާލް މެޑްރިޑުން ބެލޮންޑިއޯ ހަފުލާއަށް ވެސް ނުދެއެވެ. އެއީ އެ ޓީމުގެ ބްރެޒިލް ތަރި ވިނީޝިއަސް ޖޫނިއާއަށް އެވޯޑު ލިބެން ޖެހޭނެ ކަމަށް ގަބޫލުކޮށްގެން ތިއްބައި، އެކަން އެގޮތަށް ނުވާނެކަން އެނގިގެންނެވެ.
ރޮޑްރީ، ފިރިހެން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ 1170 ޕޮއިންޓާއެކުގައެވެ. ވިނީޝިއަސް ދެވަނަ ހޯދީ 1129 ޕޮއިންޓް ލިބިގެންނެވެ. ތިންވަނައިގައި އޮތް ބެލިންހަމްއަށް ލިބުނީ 917 ޕޮއިންޓެވެ.
ވަކިވަކި ގައުމުތަކުގެ ނޫސްވެރިންގެ ވޯޓަށް ބަލާ އިރު، ސްޕެއިންގެ ނޫސްވެރިޔާ އަލްފްރެޑޯ ރެލާނޯގެ އެއްވަނައަކީ ވިނީޝިއަސްއެވެ. ދެވަނަ ރޮޑްރީއަށް ދިން އިރު، އޭނާގެ ތިންވަނައަކީ ބެލިންހަމްއެވެ.
ބްރެޒިލްގެ ނޫސްވެރިޔާ ކްލެބާ މަޗަޑޯ ވިނީޝިއަސްއަށް އެއްވަނަ ދިން އިރު، އޭނާގެ ދެވަނައަކީ ރޮޑްރީއެވެ. ތިންވަނައަކީ ބެލިންހަމްއެވެ. އެކުއެޑޯގެ ވޯޓު ތަފާތުކޮށް ފާހަގަކުރެވުނު އިރު، އެގައުމުގެ ނޫސްވެރިޔާ ޕެޓްރީޝިއޯ ކޯނޭރޯގެ އެއްވަނައަކީ ޓޯނީ ކްރޫސްއެވެ. ދެވަނައަކީ ވިނީޝިއަސްއެވެ. އަދި ތިންވަނައަކީ ނިކޯ ވިލިއަމްސްއެވެ.
މިފަހަރުގެ ފިރިހެން ބެލޮންޑިއޯ ހޮވުމަށް ވޯޓު ދިން ނޫސްވެރިންގެ ތެރެއިން 49 ނޫސްވެރިން ވަނީ ރޮޑްރީއަށް އެއްވަނަ ދީފައެވެ. އަދި ވިނީޝިއަސްއަށް އެއްވަނަ ދިނީ 35 ނޫސްވެރިންނެވެ.