ދުނިޔޭގެ ފުޓުބޯޅައިގައި ބޭއްވޭ، ފްރާންސް ފުޓުބޯލް ނޫހުގެ ބެލޮންޑިއޯ ހަފުލާގައި، މިދިޔަ ސީޒަނުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް ބާސެލޯނާގެ ސްޕެއިން ތަރި ލަމީން ޔަމާލް ހޮވުނު އިރު، އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު އެސްޓަން ވިލާގެ އާޖެންޓީނާ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް ދިފާއުކޮށްފިއެވެ.
އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑު، ލެވް ޔެޝިން ޓްރޮފީ ހޯދި މާޓިނޭޒް ވަނީ މިދިޔަ ސީޒަނުގައިވެސް އާޖެންޓީނާއާއެކު ކޮޕާ އެމެރިކާ ކާމިޔާބުކޮށްފައެވެ. ހާއްސަކޮށް، އާޖެންޓީނާއިން ކޮޕާ އެމެރިކާ ދިފާއުކުރި ޓީމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ އޭނާއެވެ. އެއީ ހަ މެޗުގެ ތެރެއިން ފަސް މެޗުގައި ކްލީންޝީޓް ދަމަހައްޓައިގެންނެވެ.
އޭގެ އިތުރުން އޭނާގެ ކްލަބު، އެސްޓަ ވިލާއަށް ޕްރިމިއާ ލީގުގެ ހަތަރު ވަނަ ހޯދައިދޭން އޭނާ މުހިއްމު ދައުރެއް އަދާކުރިއެވެ. މާޓިނޭޒަކީ ލެވް ޔެޝިން ޓްރޮފީ ޖެހިޖެހިގެން ދެވަނަ ފަހަރަށް ހޯދި ފުރަތަމަ ގޯލްކީޕަރެވެ.
އެންމެ މޮޅު ގޯލްކީޕަރުންނަށް ވާދަކުރި ކީޕަރުންގެ ލިސްޓުގެ ދެވަނަ މަގާމު ހޯދީ ސްޕެއިންގެ އުނައި ސިމޮންއެވެ. ތިންވަނަ ހޯދީ ރެއާލް މެޑްރިޑަށް ކުޅޭ ޔުކްރެއިން ކީޕަރު އަންދްރީ ލުނިންއެވެ.
އެންމެ މޮޅު ޒުވާން ކުޅުންތެރިޔާއާއެކު ކޮޕާ ޓްރޮފީ ހޯދި ޔަމާލަކީ މިދިޔަ ސީޒަނުގައި ބާސެލޯނާއަށް މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިޔާއެވެ. ކްލަބު ސީޒަން ނިންމައި، ސްޕެއިން ގައުމީ ޓީމާއެކު ޔޫރޯވެސް ޔަމާލް ކާމިޔާބުކުރި އިރު، ޔޫރޯގައި އެންމެ ވިދާލި ކުޅުންތެރިޔަކީ އޭނާއެވެ. ޔޫރޯގައި ގިނަ ރެކޯޑުތަކެއްވެސް ޔަމާލް މުގުރާލާފައިވާ އިރު، 16 އަހަރު ތެރޭގައި އޭނާ ވެފައިވަނީ ސްޕެއިންނަށް ގޯލު ޖެހި އެންމެ ހަގު ކުޅުންތެރިޔާއަށެވެ. އަދި އޭނާއަކީ ޔޫރޯ ތާރީހުގައިވެސް ގޯލު ޖަހައި، އެސިސްޓްވެސް ހެދި އެންމެ ޒުވާން ކުޅުންތެރިޔާއެވެ.
ޔޫރޯ ތެރޭގައި ޔަމާލަށް 17 އަހަރު ފުރިފައިވާ އިރު، އޭނާ ވެފައިވަނީ ޔޫރޯގެ ތަށި ހޯދި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. އޭނާއަކީ ޔޫރޯގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާއެވެ. އަދި ކޮޕާ ޓްރޮފީވެސް ހޯދި އެންމެ ޒުވާން ކުޅުންތެރިޔަކަށް މިރޭ ޔަމާލް ވަނީ ވެގެންގޮސްފައެވެ.
މިހާރު ކުރިއަށްދާ ބެލޮންޑިއޯ ހަފުލާގައި ހެރީ ކޭންއާއި ކިލިއަން އެމްބާޕޭއަށް ގާޑް މުލާ ޓްރޮފީވެސް އަރުވާފައިވެއެވެ. އެއީ މިދިޔަ ސީޒަނުގައި އެންމެ ގިނަ ގޯލު ޖެހި ދެ ކުޅުންތެރިންނަށް ވާތީއެވެ.
ކޮޕާ ޓްރޮފީގެ ދެވަނަ މަގާމު ހޯދީ ތުރުކީއާއެކު ވަރުގަދަ ޔޫރޯއެއް ނިންމާލި ރެއާލް މެޑްރިޑްގެ އަރްދާ ގުލާއެވެ. ތިންވަނަ އަކީ މެންޗެސްޓާ ޔުނައިޓެޑްގެ އިންގްލެންޑް މިޑްފީލްޑަރު ކޯބީ މައިނޫއެވެ.