ރާއްޖޭގެ 125 ރަށަކަށް ސްޕޯޓްސް ކައުންސިލަރުން ހޯދުމަށް އިއުލާންކޮށްފިއެވެ.
ޖުމްލަ 131 ސްޕޯޓްސް ކައުންސިލަރުން ހޯދަން ކުޅިވަރާބެހޭ ވުޒާރާ އިން މިއަދު ވަނީ ގެޒެޓުގައި އިއުލާންކޮށްފައެވެ.
ސްޕޯޓްސް ކައުންސިލަރުން ހޯދުމަށް އިއުލާންކޮށްފައިވަނީ ހއ. އަތޮޅު، ހދ. އަތޮޅު، ށ. އަތޮޅު، ނ. އަތޮޅު، ރ. އަތޮޅު، ބ. އަތޮޅު، ޅ. އަތޮޅު، ކ. އަތޮޅު، އއ. އަތޮޅު، އދ. އަތޮޅު، ވ. އަތޮޅު، މ. އަތޮޅު، ފ. އަތޮޅު، ދ. އަތޮޅު، ތ. އަތޮޅު، ލ. އަތޮޅު، ގއ. އަތޮޅު، ގދ. އަތޮޅު، ފުވައްމުލަކު ސިޓީ، އައްޑޫ ސިޓީ އަދި މާލޭ ސިޓީއަށެވެ.
ހދ. ކުޅުދުއްފުއްޓާއި ފުވައްމުލަކާއި އައްޑޫ އަދި މާލެ ފިޔަވައި ކޮންމެ ރަށަކަށް ވެސް ހޯދަން އިއުލާންކޮށްފައިވަނީ އެއް ސްޕޯޓްސް ކައުންސިލަރެވެ. އިއުލާނުގައިވާ ގޮތުން ކުޅުދުއްފުއްޓަށް ދެ ސްޕޯޓްސް ކައުންސިލަރުން ނެގުމަށް ހަމަޖެހިފައިވާ އިރު، ފުވައްމުލަކު އުތުރު އަދި މެދު ދާއިރާއަށް ސްޕޯޓްސް ކައުންސިލަރެއް ނެގުމަށް ހަމަޖެހިފައިވެއެވެ. އައްޑޫ ސިޓީގެ ފޭދޫ، މަރަދޫ ފޭދޫ، މަރަދޫ، ހިތަދޫ، ހުޅުދޫ، މީދޫ، އެއިން ކޮންމެ ރަށަކަށް ސްޕޯޓްސް ކައުންސިލަރެއް ނެގުމަށް ހަމަޖެހިފައިވެއެވެ. އޭގެ އިތުރުން މާލެއަށް ނެގުމަށް ހަމަޖެހިފައިވަނީ ފަސް ސްޕޯޓްސް ކައުންސިލަރުންނެވެ.
ސްޕޯޓްސް ކައުންސިލަރުންގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ އޯލެވެލްގެ ދެ މާއްދާއިން ދަށްވެގެން "ޑީ" ފާސް އަދި ދިވެހި މާއްދާއިން ފާސްވެފައިވުން ނުވަތަ ސެޓްފިކެޓް ތިނެއްގެ ކޯހެއް ފުރިހަމަކޮށްފައިވުމެވެ. އެ މަގާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އަންނަ މަހުގެ ދިހަވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ކުޅިވަރާބެހޭ ވުޒާރާއަށް ލިޔުންތައް ހުށަހަޅަން ޖެހެއެވެ.
ކޮންމެ ރަށެއްގައި ސްޕޯޓްސް ކައުންސިލަރެއް ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސްތެރޭގައި ކުރުމަށް ނިންމާފައިވާ ކަމެކެވެ.