ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ޝައްކުކުރެވޭ ފަދަ ކަމެއްގެ މައުލޫމާތު ލިބިފައިވާ ނަމަ، ނޭޝަނަލް ކައުންޓަރ ޓެރެރިޒަމް ސެންޓަރު (އެންސީޓީސީ)އަށް އެ މައުލޫމާތު ފޯރުކޮށްދިނުމަށް އެ ސެންޓަރުން އެދިއްޖެއެވެ.
އެންސީޓީސީ އިން ބުނީ ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުން ޓަރަރިޒަމްގެ ނުރައްކާތަކަށް ހުޝިޔާރުވެ ހުނަރުވެރިކަމާއެކު ރެސްޕޮންޑު ކުރަންޖެހޭ ހާލަތްތަކުގައި ރާއްޖޭގެ ސަލާމަތީ ހިދުމަތްތައް ގުޅިގެން ހަރަކާތްތެރިވުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ސިފައިންނާއި ފުލުހުން ގުޅިގެން ހާއްސަ ތަމްރީނުތަކެއް މިރެއިން ފެށިގެން މިމަހުގެ 23 އަށް ކުރިއަށްގެންދާނެ ކަމަށެވެ.
"ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުން ތައްޔާރީ ހާލަތު އިތުރަށް ވަރުގަދަކުރުމަށް ސަލާމަތީ ހިދުމަތްތަކުން ކުރިއަށްގެންދާ ތަމްރީނުތަކާއި ފަރިތަކުރުންތަކުގެ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން ޓަރަރިޒަމްގެ ނުރައްކާތަކަށް ހުޝިޔާރުވެ ހުނަރުވެރިކަމާއެކު ރެސްޕޮންޑު ކުރަންޖެހޭ ހާލަތްތަކުގައި ރާއްޖޭގެ ސަލާމަތީ ހިދުމަތްތައް ގުޅިގެން ހަރަކާތްތެރިވުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ހާއްސަ ތަމްރީނުތަކެއް މިރެއިން ފެށިގެން މިމަހުގެ 23 މެއި 2019ގެ 0600 އަށް ކުރިއަށްގެންދެވޭނެއެވެ..،" އެ ސެންޓަރުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
އެންސީޓީސީ އިން ބުނީ ޓެރަރިޒަމްގެ ނުރައްކާތަކުން ސަލާމަތްވެ، ރާއްޖޭގެ ކްރިޓިކަލް އިންފްރާސްޓްރަކްޗަރތަކާއި މުދަލާއި ފަރުދުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސަލާމަތީ ހިދުމަތްތައް ގުޅިގެން ކުރާ މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަމަކީ ވަރަށް މުހިންމު ބައެއް ކަމަށެވެ.
މި ދަނޑިވަޅުގައި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ޝައްކުކުރެވޭ ފަދަ ކަމެއްގެ މައުލޫމާތު ލިބިފައިވާ ނަމަ، އެ ސެންޓަރުގެ ހޮޓްލައިން 1615 އަށް ނުވަތަ [email protected] އަށް މައުލޫމާތުދިނުމަށް އެދޭ ކަމަށާއި ސަލާމަތީ ހިދުމަތްތަކުގެ ހޮޓްލައިންތަކާ ހިއްސާކޮށްދިނުމަށް އެދޭ ކަމަށް ވެސް އެންސީޓީސީ އިން ބުންޏެވެ.
ސިފައިންނާއި ފުލުހުން ގުޅިގެން ކުރިއަށްގެންދާ ސިލްސިލާ ފަރިތަކުރުންތަކާ ގުޅޭގޮތުން އެމްއެންޑީއެފް އިން މިރޭ ބުނީ އެ ފަރިތަކުރުންތަކަކީ ސްރީލަންކާގައި ދިން ހަމަލާއަށްފަހު ކުރިއަށްގެންދާ ފަރިތަކުރުންތަކެއް ކަމަށާއި އެއީ ވަކި އިތުރު ކަމެއް މެދުވެރިވެގެން ކުރިއަށްގެންގެންދާ ފަރިތަކުރުންތަކެއް ނޫން ކަމަށެވެ.
އެހެންނަމަވެސް އެއްވެސް ހާލަތެއްގައި ޝައްކުވާ ޒާތުގެ ކަމެއް ހިނގާނަމަ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ހިލޭ ގުޅޭ ނަންބަރު 1615 އަށް ނުވަތަ ފުލުހުންގެ ހިލޭ ގުޅޭ ނަންބަރު 119 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރުމަށް އެމްއެންޑީއެފުން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
އެމްއެންޑީއެފް އާއި އެންސީޓީސީ އިން ބަޔާނެއް ނެރެފައިމިވަނީ މީސްމީޑިއާގައި ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަކާ ގުޅިގެންނެވެ.