އިބްރާހިމް ޒަކީ
ހުޅުމާލޭގެ ފުލެޓެއް ތެރޭ ރަހީނުކޮށްގެން ގެންގުޅުނު މައްސަލައިގައި ހައްޔަރުކުރި 12 މީހުން ބަންދު ކުރުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ފުލުހުން ހިންގި އޮޕަރޭޝަންގައި އެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ފޮޓޯ އާއި ވަނަވަރު ފުލުހުން މިއަދު ވަނީ އާންމުކޮށްފައެވެ.
ފުލުހުން މިއަދު ބުނީ، އެ މައްސަލައިގައި ހައްޔަރު ކުރި 12 މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭގެ ތެރެއިން ތިން މީހުން ފަސް ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ. އެއީ އަލްމަން އާއި އިޒްކާން އަދި އިޒާންއެވެ. އަދި ބާކީ ތިބި ނުވަ މީހުން ހަތް ދުވަހުގެ މުއްދަތަށް ބަންދު ކުރަން ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ އިންޓެލިޖެންސާއި ގޭންގު ކްރައިމްސް އޮޕަރޭޝަން ޔުނިޓު އަދި ހުޅުމާލޭ ކްރައިމްސް ޑިޕާޓްމަންޓު ގުޅިގެން ހިންގި މި އޮޕަރޭޝަންގައި، ހިޔާ ފަލެޓްގެ އެޗް ނުވައެއްގެ ގެ 20 ވަނަ ފްލޯގެ 11 ވަނަ އެޕާޓްމަންޓަށް ފުލުހުން ވަދެފައި ވަނީ ގަދަބާރުންނެވެ. އޭރު އެތަނުގެ ތެރޭގައި 12 މީހުންގެ ގްރޫޕަކުން ތައްޔާރުވަމުން ދިޔައީ ރަހީނުކޮށްފައިއިން މީހާގެ ބޯ ބޭލުމަށް ފަހު، އެ މީހާގެ އިނގިލި ބުރިކުރުމަށެވެ.
ފުލުހުން ބުނީ އެ ފުލެޓަކީ މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތީގެ ވިޔަފާރި ހިންގާ ތަނެއްކަން ފާހަގަވެފައިވާ ކަމަށާއި އެތަނުން މަސްތުވާތަކެތި ވެސް ފެނިފައިވާ ކަމަށެވެ. އަދި ރަހީނުގައި ހުރި މީހާ މިހާރު ރައްކާތެރި މާހައުލަކަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.