ސިޔާސީ ޕާޓީތަކުގެ ލީޑަޝިޕްގެ 30 ޕަސެންޓް އަންހެނުންނަށް ހާއްސަކުރުމަށް ބައެއް ޕާޓީތަކުން ހުށަހަޅައިފިއެވެ.
ސިޔާސީ ޕާޓީތަކާއި އާއްމު އިންތިހާބުގެ ގާނޫނު އިސްލާހުކުރުމަށް ކަމާބެހޭ ފަރާތްތަކާއެކު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ބައެއް ޕާޓީތަކުން ވަނީ ސިޔާސީ ޕާޓީތަކުގެ ލީޑަޝިޕްގެ 30 ޕަސެންޓް އަންހެނުންނަށް ހާއްސަކުރުމަށް ހުށަހަޅައިފައެވެ. މީގެ އިތުރުން ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާގެ އެހީ ދޭ ގޮތަށް ބަދަލު ގެނައުމަށްވެސް ހުށަހަޅާފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ގާނޫނަށް ގެންނަން ބޭނުންވާ ބައެއް އިސްލާހުތަކުގެ ތެރޭގައި، އީސީ ބޭނުންވެއްޖެ ވަގުތެއްގައި ސިޔާސީ ޕާޓީތައް އޮޑިޓްކުރުމާއި، ސިޔާސީ ޕާޓީ އުފެއްދުމަށް ހުއްދަ ދިން ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ސިޔާސީ ޕާޓީ އުފެއްދުމަށް ހުށަހެޅި ފޯމުތަކުގައި އޮޅުވާލައިގެން ނުވަތަ ނުފޫޒުން ނުވަތަ އެހެން މީހެއްގެ ނަމުގައި އޭނާއަށް ނޭނގި ސޮއިކޮށްފައިވާކަން ފުލުހުންގެ ތަހުގީގުން އެނގިއްޖެ ނަމަ އެ ޕާޓީއެއް އުފެއްދުމަށް ދިން ހުއްދަ ބާތިލް ކުރުމާއި އަދި، ޕާޓީގެ ދަރަންޏެއް އުފެދުނު އިރު، އެ ޕާޓީއެއްގެ އެންމެ އިސްފަރާތެއްގެ ގޮތުގައި ހުރި ބޭފުޅަކު އެ ދަރަންޏަށް ޝަހުސީ ގޮތުން ޒިންމާވުމަށް އެންގުން ފަދަ އިސްލާހުތައް ހިމެނެއެވެ.
އަލަށް ގެންނަ އިސްލާހުތަކުގެ ތެރެއިން ސިޔާސީ ޕާޓީތަކުގެ ލީޑަޝިޕްގެ 30 ޕަސެންޓް އަންހެނުންނަށް ހާއްސަކުރުމުން، ޕާޓީއެއްގައި ދެ ނައިބު ލީޑަރުން ތިބޭ ނަމަ އެތަނުން އެއް ޖާގަ އަންހެން ބޭފުޅާއަށް ހާއްސަ ކުރަންޖެހެނޭއެވެ.