މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕްރިޒަންސް (އޭސީޕީ)ގެ މަގާމުގައި ހުންނެވި މުހައްމަދު އާސިފް ސަސްޕެންޑްކޮށްފިއެވެ.
އެކަން ކަށަވަރު ކޮށްދެމުން ކަރެކްޝަންސްގެ މީޑިއާ އޮފިޝަލު 'ވަން' އަށް މިއަދު ވިދާޅުވީ، އާސިފް ސަސްޕެންޑް ކޮށްފައިވަނީ ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް ތަހުގީގު ކުރިއަށްދާ މައްސަލައަކަށްވާތީ މި ވަގުތު އިތުރު މައުލޫމާތު ހާމަކުރެވެން ނެތް ކަމަށް ވިދާޅުވިއެވެ.
އާސިފް ސަސްޕެންޑް ކުރި އިރު، ޕްރިޒަންސް ކުލަބުގެ އެކައުންޓުން 200،000 ރުފިޔާއަށްވުރެ ގިނަ ފައިސާ އެކިއެކި އެކައުންޓުތަކަށް ޖަމާކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެ ހިޔާނާތުގެ މުގުލުގައި ހުންނެވި ކަމަށް ތުހުމަތުކުރަނީ އާސިފަށެވެ. އޭނާއަކީ އެ ކްލަބުގެ ރައީސެވެ.
ސްޕުރިޓެންޑެންޓްގެ މަގާމުގައި ހުންނަވަނިކޮށް އާސިފު، އޭސީޕީގެ މަގާމަށް ޕްރޮމޯޓްކުރީ 2019 ވަނަ އަހަރުއެވެ.