އަލަށް ގެދޮރު ހަދަން ބޭނުންވާ މީހުންނަށް ނުވަތަ ހަދަން ފަށާފައި ހުރި ގެ ނިންމުމަށް، ފަސް ޕަސަންޓް އިންޓްރެސްޓް ރޭޓުގައި ހައުސިން ލޯނު ލިބޭ ސްކީމް، 'ހިޔާވެހި' އަށް މިއަދު ފުރުސަތު ހުޅުވާލައިފިއެވެ.
ހައުސިން މިނިސްޓްރީން އިއްޔެ ކުރި ޓުވީޓެއްގައި ބުނީ، އެ ސްކީމަށް އެދި ހުށަހަޅަން ޖެހޭނީ އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް، hiyaavehi.housing.gov.mv މެދުވެރިކޮށް ކަމަށެވެ. އެ ޕޯޓަލް އަށް ލޮގިން ކުރެވޭނީ އީފާސް އިންނެވެ.
ހިޔާވެހި ސްކީމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުގެ ތެރެއިން އެ ސްކީމް އިފުތިތާހު ކުރީ މިދިޔަ އަންގާރަ ދުވަހުއެވެ.
"ހިޔާވެހި ފައިނޭންސިން ސްކީމް"ގެ ބައިވެރީންނަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އެވެ. އެ ސްކީމްގެ ދަށުން ބޯހިޔާވަހިކަމަށް ގެދޮރު އިމާރާތްކުރަން ލޯނު ދޫކުރާނީ ތިން ގިންތިއަކަށް ބަހާލައިގެންނެވެ.
ފުރަމާލެ ކެޓަގަރީގައިވާ ގޮތުން އެ ކެޓަގަރީގެ ދަށުން ދޫކުރާ ލޯނުގެ ދަށުން 600 އަކަފޫޓަށް ވުރެ ކުޑަ ދެ ބިން ނުވަތަ އެއަށްވުރެ ގިނަ ބިން އެއްކޮށްލައިގެން ލޯނަށް ހުށަހަޅާ ކޮންމެ ފަރާތަކަށް ކޮންމެ ބިމަކަށް އިތުރު އެއް މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ހިމަނަން ފުރުސަތު ލިބޭނެއެވެ.