ޚަބަރު

ޖަޕާން ސަފީރު، ރައީސްގެ އަނބިކަނބަލުން ފަޒްނާގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

އަލީ އިހްސާން

ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހްމަދުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލު ކުރެއްވުން އޮތީ މިއަދު ހެނދުނު މުލީއާގޭގައެވެ.

މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޖަޕާނާ ދޭތެރޭ ގާއިމުވެފައިވާ ޒަމާންވީ ރަހުމަތްތެރި ގުޅުމުގެ މައްޗަށް ދެ ބޭފުޅުންގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. އަދި، އެކި ދާއިރާތަކުން ދެގައުމުގެ ދޭތެރޭގައި ބަދަހިވެފައިވާ ގުޅުންތަކަށްވެސް ދެ ބޭފުޅުންގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ. މިގޮތުން، ކުޅިވަރުގެ ދާއިރާއިން ރާއްޖެއާއި ޖަޕާނާ ދެމެދު އުފެދިފައިވާ ގުޅުމުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން، އުމްރާނީ ތަރައްގީއާ އެއްވަރަށް އިޖުތިމާއީ ދުޅަހެޔޮ ކަމާއި، މުނިފޫހި ފިލުވުމުގެ ދާއިރާވެސް ކުރިއަރުވަންޖެހޭކަން ޖަޕާންގެ ސަފީރު ފާހަގަކުރެއްވިއެވެ.

މި ރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ޖަޕާނުގެ "ބައިސިކަލް ޕާކިންގ ފެސިލިޓީޒް ޕްރޮވިޒަން ފައުންޑޭޝަން" ގެ ފަރާތުން ބައިކް މޯލްޑިވްސްއަށް 200 ބައިސްކަލު ހަދިޔާކުރުމަށް ނިންމާފައިވާ ކަމުގައި ޖަޕާނުގެ ސަފީރު ވިދާޅުވިއެވެ. މީގެ އިތުރުންވެސް އެހެނިހެން ކުޅިވަރުތައް ކުރިއެރުވުމަށާއި، ސްކޫލް ދަރިވަރުންނަށް އަމާޒުކޮށް ކަރާޓީގެ ޕްރޮގްރާމްތައް ހިންގުމަށާއި، އޮލިމްޕިކްސް ކުޅިވަރު މުބާރާތަށް އަމާޒުކޮށްގެން ރާއްޖޭގެ ފެތުންތެރިން ތަމްރީނުކުރުމަށްވެސް ޖަޕާނުން ޝައުގުވެރިކަން ހުރިކަން ސަފީރު ހާމަކުރެއްވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ކުޅިވަރަށާއި ދުޅަހެޔޮ ދިރިއުޅުމަށް އެކަމަނާ ދެއްވާ އަހަންމިއްޔަތު ފާހަގަ ކުރައްވައި، ޖަޕާނު ސަރުކާރުގެ ހުށަހެޅުއްވުން ތަކަށް މަރުހަބާ ވިދާޅުވިއެވެ. މިފަދަ ކަންކަމުގެ ސަބަބުން ދިވެހިރާއްޖެއަށް އެތައް ގޮތަކުން ފައިދާ ކުރާނެކަން ފާހަގަ ކުރައްވައި، ހާއްސަގޮތެއްގައި ސްކޫލް ދަރިވަރުން ކުޅިވަރާއެކު ކުރިއަށް ދިއުމަކީ އިޖުތިމާއީ މުހިންމު ސިފަތައް އެކުދިންގެ ކިބައިގައި އަށަގެންނެވުމަށް މުހިންމު ކަމެއް ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އެކަމަނާ ތައުލީމީ ދާއިރާގައި ހޭދަކުރައްވާފައިވާ 20 އަހަރުގެ ތަޖުރިބާގެ މައްޗަށް އަލިއަޅުއްވައިލައްވައި، ހެދިބޮޑުވަމުން އަންނަ ކުދިންނަށް މިފަދަ ފުރުސަތުތައް ތަނަވަސްވެގެން ދިއުމަކީ އުފާ ކުރައްވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.