ޚަބަރު

ސިޔާސީ ޕާޓީތަކުން އަމަލުކުރުމަށް އޮތީ ވަރަށް ކޮށި ގާނޫނެއް: އަކްރަމް

ސިޔާސީ ޕާޓީތަކުން އަމަލުކުރުމަށް އެކުލަވާލާފައިވާ ގާނޫނަކީ ވަކި ކޮށި ގާނޫނެއް ކަމަށާއި އެ ގާނޫނުގައި ވަރަށް ގިނަ ފުށުއެރުންތަކެއް އެބަހުރި ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަދި ތަރުޖަމާނު އަހްމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީ "ފަލަސުރުހީ" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން އަކްރަމް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނަކީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އެކުލަވާލާފައިވާ ގާނޫނެއް ކަމަށެވެ.

"ސިޔާސީ ޕާޓީތައް ފުރަތަމަ އުފެދިގެން އައީ ގަވާއިދެއްގެ ދަށުން. ގާނޫނެއް ވެސް ނެތި. އޭގެ ފަހުގައި ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ގާނޫނެއް އެކުލަވާލައި، އެއަށް އަމަލުކުރަން ފެށިތަން ފެނިގެންދިޔައީ. އެހެންވީމާ ވަރަށް ކޮށި ގާނޫނެއް މިއޮތީ ސިޔާސީ ޕާޓީތަކުން އަމަލުކުރުމަށް،" އޭނާ ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ އެ ގާނޫނުގެ ސަބަބުން ވަރަށް ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހޭ ކަމަށާއި އިލެކްޝަންސް ކޮމިޝަނަކީ ޕާޓީތަކުގެ ބެލެނިވެރި ފަރާތްތައް ކަމަށް ދަންނަވަމުންދާ އިރުގައި ގާނޫނުން އެގޮތަށް މާނަ ކުރެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށް ޕާޓީތަކުން ބުނާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ޕާޓީތަކާއެކު މަޝްވަރާ ބައްދަލުވުންތައް ފަށައިފައެވެ. އެގޮތުން އީސީން ވަނީ އެ ގާނޫނަށް ގެންނަ 15 އިސްލާހެއްގެ ޑްރާފްޓް ހުށަހަޅައިފައެވެ.