ގއ. ކޫއްޑޫގައި ހުންނަ ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީ 4،000 ޓަނަށް ކެޕޭސިޓީ އިތުރުކުރަން ލަކީ ގްލޯބަލް ޕްރޮޖެކްޓްސް ކުންފުންޏާ މިއަދު ހަވާލުކޮށްފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ. ލަކީ ގްލޯބަލް ޕްރޮޖެކްޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޝިޝް އޮބްރޯއީއެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ މިއީ ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ އެހީގައި ހިންގާ މަޝްރޫއުއެއް ކަމަށެވެ. 6.6 މިލިއަން ރުފިޔާގެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ އެއް އަހަރު ތެރޭ ނިންމާ ގޮތަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
ކުއްޑޫގައި މިހާރު ހުންނަނީ 2،000 ޓަނުގެ ކެޕޭސިޓީގެ ކޯލްޑް ސްޓޯރެޖެކެވެ.
މިނިސްޓްރީން ބުނީ މުޅި ރާއްޖޭގެ މަސް ރައްކާ ކުރުމަށް ބޭނުންކުރާ ސްޓޯރޭޖްގެ ކެޕޭސިޓީ އަކީ 8،500 ޓަން ކަމަށެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރެއިގައި އެ ކެޕޭސިޓީ 25،000 އިތުރުކުރުން ކަމަށް މިނިސްޓްރީން ބުންޏެވެ.
ކޯލްޑް ސްޓޯރެޖުގެ ކެޕޭސިޓީ އިތުރުކުރެވުމުން ދުނިޔޭގެ ބާޒާރުގައި ދިވެހިން ބާނާ މަހަށް އަގު ކަނޑައެޅުމުގެ ބާރު ދިވެހިންނަށް ލިބިގެންދާނެ ކަމަށާއި އަދި މަސްވެރިކަމުން ލިބޭ އާންމުދަނީ އިތުރުވެގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ މަސް ދޯނިތަކުގައި ލޮނުފެނުން މަސް ފިނިކުރުމުގެ ނިޒާމް ހަރުކުރަން ސަރުކާރުގެ ފަރާތުން ފައިސާ ހަމަޖައްސައިދޭ ފަރާތްތަކަށް އެކަމުގެ ލިޔުން ހަވާލުކޮށްފައެވެ.
އެކަމާ ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ ދޯނިތަކުގައި ލޮނުފެނުން މަސް ފިނި ކުރުމުގެ ނިޒާމް ގާއިމް ކުރުމުން އައިސް ހޯދަން ކުރަން ޖެހޭ ދިގު ދަތުރުތައް މަދުވެ، ތެލުގެ ހަރަދު ކުޑަވެގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ ލޮނުފެނުން މަސް ފިނި ކުރުމުގެ ނިޒާމު މިހާރު ގާއިމުކޮށްފައިވަނީ 74 ދޯނީގައި ކަމަށާއި ސަރުކާރުގެ އަމާޒަކީ އެ އަދަދު 100 އާއި 115 އާ ދެމެދަށް އިތުރުކުރުން ކަމަށެވެ.