އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓަން މަޝްރޫއެއް އިފްތިތާހުކޮށް އިކޮނިމިކް މިނިސްޓްރީއާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގައި އިފްތިތާހުކޮށްދެއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ.
އެކަމާ ގުޅޭ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. ބީއެމްއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ބޭންކްގެ ސީއީއޯގެ މަގާމަށް ދާދި ފަހުން އައްޔަނުކުރެއްވި މުހައްމަދު ޝަރީފް އެވެ.
މި މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ އޭޓީއެމް ބެހެއްޓީ އދ. އޮމަދޫގަ އެވެ. އެއީ ބީއެމްއެލް އިން ބެހެއްޓި 150 ވަނަ އޭޓީއެމް އެވެ.
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި 17 ރަށެއްގައި އޭޓީއެމް ބަހައްޓާނެ ކަމަށާއި އެ ފިޔަވަހި އަންނަ އަހަރުގެ މާޗުގެ ނިޔަލަށް ނިންމާނެ ކަމަށެވެ. ދެވަނަ ފިޔަވަހީގައި 56 އޭޓީއެމް އަދި ތިން ވަނަ ފިޔަވަހީގައި 30 އޭޓީއެމް ބަހައްޓާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، އަމާޒަކީ އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ލިބޭނެ ގޮތް ހެދުން ކަމަށެވެ. އެއާއެކު ބީއެމްއެލްގެ އޭޓީއެމްގެ އަދަދު 250 އަށް އަރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި މުހިއްމު ހިދުމަތް ރާއްޖޭގައި ދޭން ފެށިތާ އަންނަ އަހަރަށް 25 އަަހަރު ފުރޭނެ. މި އުފާވެރި ރިހިޔޫބިލްގައި އަޅުގަނޑުމެންގެ އަމާޒަކީ އަންނަ އަހަރުގެ ތެރޭގައި 100 އަށް ވުރެ ގިނަ ރަށުގައި އޭޓީއެމް ބަހައްޓާ ނިންމުން،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ފުރަތަމަ ފިޔަވަހީގައި ބަހައްޓާ އޭޓީއެމްތައް މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އޭޓީއެމް ބެހެއްޓުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.