ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯއިން ކަނޑައަޅާ ހާއްސަ އަގެއްގައި ތެޔޮ ފޯރުކޮށްދިނުމަށް ކޮންމެ އަތޮޅެއްގައި ފިއުލް ސްޓޯރޭޖް ގާއިމުކުރުމުގެ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފްތިތާހިކޮށްދެއްވައިފިއެވެ.
ފިއުލް ސްޓޯރޭޖުތައް ގާއިމުކުރުމުގެ މަޝްރޫއު ފެއްޓުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ، އަމާޒަކީ ފެބްރުއަރީ 2026 ގެ ކުރިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 19 ރަށެއްގައި ފިއުލް ސެޓަޕް ގާއިމުކޮށް މަސްވެރީންނާއި އާއްމު ރައްޔިތުންނަށް އެސްޓީއޯއިން ތެޔޮ ވިއްކާ ރޭޓުގައި ތެޔޮ ލިބޭނެ ގޮތް ހަމަޖެހިގެން ދިއުން ކަމަށެވެ
ޝިމާދު ވިދާޅުވީ، ހަރަދުކުޑަކުރުމުގެ ގޮތުން ހަދާނީ ކޮންޓެއިނާ ފިއުލް ސްޓޭޝަންތައް ކަމަށާއި އެ ސްޓޭޝަންތައް އެޅުމަށް މިހާރުވެސް ގިނަ ރަށްރަށުގެ ބަނދަރުން ބިން ހަމަޖައްސާފައިވާ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ، މަސްވެރީންނަށް ދިމާވާ ތެލުގެ ދަތިކަމަށް އެ މަޝްރޫއުގެ ސަބަބުން ހައްލެއް ލިބޭނެ ކަމަށެވެ.