ސިފައިންނާއި ފުލުހުން ކުރިއަށްގެންދާ ފަރިތަކުރުންތަކަކީ ސްރީލަންކާގައި ދިން ހަމަލާއަށްފަހު ކުރިއަށްގެންދާ ފަރިތަކުރުންތަކެއް ކަމަށާއި އެއީ ވަކި އިތުރު ކަމެއް މެދުވެރިވެގެން ކުރިއަށްގެންގެންދާ ފަރިތަކުރުންތަކެއް ނޫން ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެމްއެންޑީއެފް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ލަންކާގައި ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން ސިފައިންނާއި ފުލުހުން ކުރިއަށްގެންދާ ސިލްސިލާ ފަރިތަކުރުންތައް ފަށާފައިވަނީ މިމަހުގެ ފަސްވަނަ ދުވަހު ކަމަށާއި މިއަދު ފެށިފައިވަނީ އެ ސިލްސިލާގެ ދެވަނަ ފަރިތަކުރުންތައް ކަމަށެވެ.
"ކުރިއަށް ގެންދެވޭ މި ފަރިތަކުރުންތަކަކީ ވަކި އިތުރު ކަމެއް މެދުވެރިގެން ކުރިއަށް ގެންދާ ފަރިތަކުރުންތަކެއް ނޫންކަމުގައި ދަންނަވަމެވެ..،" އެމްއެންޑީއެފް އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެމްއެންޑީއެފް އިން ބުނީ އެއްވެސް ހާލަތެއްގައި ޝައްކުވާ ޒާތުގެ ކަމެއް ހިނގާނަމަ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ހިލޭ ގުޅޭ ނަންބަރު 1615 އަށް ނުވަތަ ފުލުހުންގެ ހިލޭ ގުޅޭ ނަންބަރު 119 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
އެމްއެންޑީއެފް އިން މި ބަޔާން ނެރެފައިވަނީ މީސްމީޑިއާގައި ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަކާ ގުޅިގެންނެވެ.