ޚަބަރު

މިނިސްޓަރ ޝިދާތާ ރަސްމީ ދަތުރުފުޅެއްގައި ނޯވޭއަށް ފުރާވަޑައިގެންފި

އަލީ އިހްސާން

ޖެންޑާ މިނިސްޓަރ ޝިދާތާ ރަސްމީ ދަތުރުފުޅެއްގައި ނޯވޭއަށް ފުރާ ވަޑައިގެންފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ، ނޯވޭގެ ވެރިރަށް އޮސްލޯގައި ކުރިއަށްދާ “އެންޑިންގ ސެކްޝުއަލް އެންޑް ޖެންޑަރ-ބޭސްޑް ވަޔަލެންސް އިން ހިއުމެނިޓޭރިއަން ކްރައިސިސް” ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުން ނޯވޭ ސަރުކާރުގެ ދައުވަތަކަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް ޝިދާތާ ޝަރީފް މިރޭ ފުރާވަޑައިގެންފައިވާ ކަމަށެވެ.

މި މަހުގެ 23 އިން 24އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގެ ހައި-ލެވެލް ސެގްމެންޓްގައާއި ސައިޑް އިވެންޓްތަކުގައި މިނިސްޓަރ ޝިދާތާ ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. ނޯވޭ ސަރުކާރާއި ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫ.އެން.އެފް.ޕީ.އޭ) އަދި އިންޓަރނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައި.ސީ.އާރް.ސީ) އިންތިޒާމުކޮށްގެން ބާއްވާ މި ކޮންފަރެންސްގެ އަމާޒަކީ އަނިޔާގެ ޝިކާރައަކަށް ވެގެންދާ ފަރާތްތައް ވަކި ޖިންސަކަށް ނިސްބަތްވީތީ އެ ފަރާތްތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ގެންގުޅޭ ތަފާތުކުރުން ނައްތައިލުމާއެކު، ހަމަނުޖެހުމުގެ ހާލަތްތަކުގައި ޖިންސީ ތަފާތުއެކި އަނިޔާތަކުގެ ޝިކާރައަކަށް ވެގެންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އޮންނަ ފަރަގު ނައްތައިލުމާ ގުޅޭ ގޮތުން މަޝްވަރާކުރުމެވެ.

މި ކޮންފަރެންސްގައި، ނުރައްކަލަށް ހުށަހެޅޭ މީހުންނަށް ރައްކައުތެރިކަން ފޯރުކޮށްދިނުމުގައި ސިޔާސީ ގޮތުން ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމާއި، ޖިންސީ އަދި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާގެ ޝިކާރައަށްވާ ފަރާތްތަކަށް އެހީތެރިވުމާއި، އިންސާނީ ކާރިސާތަކުގައި މި ބާވަތުގެ އަނިޔާއަށް ހުށަހެޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އަމަލުކުރަންވީ ގޮތާއި، އިތުރު މާލީ ވަސީލަތްތައް ކަނޑައެޅުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.

އެކި ގައުމުތަކުގެ ވަޒީރުންނާއި ސަފީރުންނާއި ގައުމުތަކުގެ މަތީ ފެންވަރުގެ މަންދޫބުންގެ އިތުރުން ބައިނަލްއަގުވާމީ އޭޖެންސީތަކާއި، މަދަނީ ޖަމައަތްތަކުގެ ވެރިން މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަވެއެވެ.