ޔޫއެފާ ޗެމްޕިއަންސް ލީގު

މޮޅުވި ނަމަވެސް ސަޕޯޓަރަކު މަރުވުމުން ބަޔާނަށް ހިތްދަތިކަން، ބާސާއަށް ހުއްޓުމެއް ނެތް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ރޭ ބާސެލޯނާއާއި ބަޔާން މިއުނިކުން ކުޅުނު މެޗުތައްވެސް ކާމިޔާބު ކޮށްފިއެވެ.

ބަޔާނުން ރޭ އަމިއްލަ ދަނޑުގައި ބެންފިކާ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ކުރީން، ބަޔާން ދަނޑަށް ވަދެ އިން ސަޕޯޓަރަކަށް ސިއްހީ އިމަޖެންސީއެއް ކުރިމަތިވެ، ދަނޑުގައި ތިބި ޑޮކްޓަރުން އޭނާއަށް ފަރުވާދިނެވެ. އަވަސް ފަރުވާއަށްފަހު ހޮސްޕިޓަލަކަށް ގެންދިޔަ މަގުމަތީގައި އެ ސަޕޯޓަރު މަރުވެފައިވާ ކަމަށް މެޗަށްފަހު ބަޔާނުން ވަނީ ބުނެފައެވެ. އެ ކްލަބުން ބުނީ މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް ސަޕޯޓަރުންގެ ފަރާތުން މަޖާ މާހައުލެއް ނުފެނުނީ އެހެންވެ ކަމަށާއި، ސަޕޯޓަރުން އާއިލާއަށް ދިން ހިތްވަރަށް ޝުކުރު އަދާކުރާ ކަމަށެވެ.

ރޭގެ މެޗުގެ 67 ވަނަ މިނެޓުގައި ބަޔާންގެ ހަމައެކަނި ގޯލު ޖެހީ ޖަމާލް މުސިއާލާ އެވެ. އޭގެ ކުރިންވެސް މެޗުގައި ބޮޑަށް ނުރައްކާކޮށް ފެނުނީ ބަޔާނުންނެވެ. ފުރަތަމަ ހާފުގައި ސާޖް ނަބެރީއާއި ހެރީ ކޭންގެ ނުރައްކާ ފާހަގަކުރެވުނު އިރު، ދެވަނަ ހާފުގެ ކުރީކޮޅުގައި ލެރޯއީ ސާނޭގެ ދެ ހަމަލާއެއް މަތަކުރީ ކީޕަރު އެނަޓޮލީ ޓްރޫބިން އެވެ.

ބަޔާން މި ސީޒަނުގެ ޗެމްޕިިއަންސް ލީގުގައި ކުޅުނު ހަތަރު މެޗުން ހަ ޕޮއިންޓާއެކު 17 ވަނައިގައި އޮތް އިރު، ރޭވެސް ތަފާތު ބޮޑުކޮށް މޮޅުވި ބާސާ އޮތީ ހަ ވަނައިގައެވެ. އެއީ ހަތަރު މެޗުން ނުވަ ޕޮއިންޓާއެކުގައެވެ.

ބާސާއިން ރޭ އަމިއްލަ ދަނޑުގައި 5-2 އިން ރެޑް ސްޓާ ބަލްގްރޭޑް ބަލިކުރި އިރު، ބާސާގެ ގޯލުތައް ޖެހީ އިނީގޯ މާޓިނޭޒާއި ރޮބާޓް ލެވަންޑޯސްކީ، ރަފީނިއާގެ އިތުރުން ފާމިން ލޮޕޭޒެވެ. ލެވަންޑޯސްކީ ވަނީ ރޭގެ މެޗުގައިވެސް ދެ ގޯލު ޖަހައިފައެވެ.

ރޭގެ މެޗުގައި ރެޑް ސްޓާގެ ގޯލުތައް ޖެހީ ކަޓޮމްޕާ އެމްޔުމްޕާއާއި މިލްސަންއެވެ.