ޔޫއެފާ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ރޭ އިންޓަ މިލާނުން އާސެނަލް ބަލިކުރި އިރު، އެތުލެޓިކޯ މެޑްރިޑުން ޕީއެސްޖީ ކައިރިން މުހިއްމު މޮޅެއް ހޯދައިފިއެވެ.
އެންމެފަހުން ކުޅުނު ޗެމްޕިއަންސް ލީގުގެ ތިން މެޗުންވެސް ޕީއެސްޖީއަށް މޮޅެއް ހޯދައިފައިނުވާ އިރު، ރޭ އަމިއްލަ ދަނޑުގައި އެތުލެޓިކޯ އަތުން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.
މިހާތަނަށް ކުޅުނު ހަތަރު މެޗުން އެންމެ ހަތަރު ޕޮއިންޓާއެކު ޕީއެސްޖީ އޮތީ 25 ވަނައިގައެވެ. އެއީ ތާވަލުގެ ރެލިގޭޝަން ޒޯން ގައެވެ. ރޭ ހޯދި މޮޅާއެކު އެތުލެޓިކޯ 23 ވަނައަށް ޖެހިލި އިރު، އެޓީމަށް ވަނީ ހަތަރު މެޗުން ހަ ޕޮއިންޓް ލިބިފައެވެ. ރޭގެ މެޗުގެ 14 ވަނަ މިނެޓުގައި ފުރަތަމަ ލީޑު ނެގީ ޕީއެސްޖީންނެވެ. އެއީ އުމުރުން 18 އަހަރުގެ ވަރެން ޒައޭ-އެމެރީ ކާމިޔާބުކުރި ގޯލުންނެވެ. އެގޯލު އެމެރީ ޖެހީ ފަހަތުން ކްލެމެންޓް ލެންގްލޭ ހެދި ގޯހެއްގެ ފައިދާ ނަގައި އުސްމާން ޑެމްބެލޭ ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސް ކޮށްލި ބޯޅައިންނެވެ.
އޭގެ އެންމެ ހަތަރު މިނެޓްފަހުން އެތިލެޓިކޯއިން މެޗު އެއްވަރުކުރިއެވެ. އެއީ ނަހުއެލް މޮލީނާ ފޮނުވާލި ބާރު ހަމަލާ ގޯލަށް ވައްދާލައިގެންނެވެ.
ދެވަނަ ހާފަށް ނުކުމެ ޕީއެސްޖީން މެޗު ޑޮމިނޭޓްކޮށް، އެތުލެޓިކޯއަށް ނުރައްކާ ކުރަމުން ދިޔަ އިރު، ބްރެޑްލީ ބާކޯލާއާއި އަޝްރަފު ހަކީމީގެ ހަމަލާތައް މަތަކުރީ އެތުލެޓިކޯގެ ކީޕަރު ޔާން އޮބްލަކެވެ. މެޗުން އެތުލެޓިކޯ މޮޅުވީ ފަހު މިނެޓުގައެވެ. އެއީ ބަދަލަކަށް ނުކުތް އެންހޭލް ކޮރެއާ ޖަހައިދިން ގޯލުންނެވެ.
ރޭ އާސެނަލާއި އިންޓަ މިލާން، ސަން ސީރޯގައި ކުޅުނު މެޗު އިންޓައިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ލީގުގައިވެސް މިދިޔަ ހަފުތާގައި ބަލިވި އާސެނަލުން ރޭ ވި ބައްޔަކީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އެޓީމުން ވި ފުރަތަމަ ބައްޔެވެ.
ހަތަރު މެޗުން ހަތް ޕޮއިންޓާއެކު އާސެނަލް 12 ވަނައިގައި އޮތް އިރު، އިންޓަ ވަނީ މޮޅާއެކު ފަސްވަނައަށް ޖެހިލައިފައެވެ. އެއީ ފަސް މެޗުން 10 ޕޮއިންޓާއެކުގައެވެ.
މެޗުގެ ފުރަތަމަކޮޅުގައި ދާދި ހަމަހަމަ ކުޅުމެއް ދެޓީމުންވެސް ފެނިގެން ގޮސްފައިވާ އިރު، އިންޓައިން މެޗުގައި ގޯލު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. އެއީ އޭރިއާ ތެރެއިން އާސެނަލްގެ މިކޭލް މެރީނޯ އަތުގައި ބޯޅަ ޖެހުނު ކަމަށް ބަލައި ރެފްރީ ދިން ޕެނަލްޓީއެކެވެ.
އެ ޕެނަލްޓީއާ ދޭތެރޭ އާސެނަލުން ވަރަށް ބޮޑަށް ޝަކުވާ ކުރި ނަމަވެސް، ވީއޭއާރް ބަލާފައި ރެފްރީ ވަނީ ނިންމުން ރަނގަޅު ކަމަށް ބަލައިފައެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް އިންޓައަށް ލީޑު ނަގައިދިނީ ހަކާން ޗަލަނޮގްލޫއެވެ.
ދެވަނަ ހާފަށް ނުކުމެ، ބޮޑު ބައެއްގައި އާސެނަލުން ޑޮމިނޭޓް ކުރަމުން ދިޔަ އިރު، ކައި ހަވާޓްސް އަތުން މުހިއްމު ދެ ފުރުސަތެއް ބޭކާރުވެގެން ދިޔައެވެ.