ޚަބަރު

އެޗްޑީސީގެ ޗެއާމަންކަމަށް ނާސިފް އައްޔަންކޮށްފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންކަމުގެ މަގާމަށް އަހުމަދު ނާސިފް އައްޔަންކޮށްފިއެވެ.

އެޗްޑީސީގެ ޗެއާމަންކަމުގެ މަގާމަށް ނާސިފް އައްޔަންކުރިކަން އެ ކުންފުނިން މިއަދު ވަނީ ކަށަވަރުކޮށްދީފައެވެ. އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމު ވެސް ފުރުއްވައިފައެވެ.

މި ސަރުކާރުގައި އެންމެ ފުރަތަމަ ނާސިފް އައްޔަންކޮށްފައިވަނީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް)ގެ ޗެއާމަންކަމުގެ މަގާމަށެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ މިދިޔަ ޖެނުއަރީ މަހުއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ނާސިފް ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގެ އިތުރުން ތިލަފުށި ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމު އަދި ގްރޭޓާ މާލޭ އިންޑަަސްޓްރިއަލް ޒޯނުގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމު ވެސް ފުރުއްވައިފައެވެ.

މި ސަރުކާރުގައި އެޗްޑީސީގެ ޗެއާމަންކަމުގެ މަގާމުގައި ފުރަތަމަ ހުންނެވީ އަހުމަދު ޒުހޫރެވެ. އޭނާ މަގާމުން ވަކިކޮށްފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. އެއީ އޭނާ މަގާމާ ހަވާލުވިތާ ތިން މަސް ތެރޭގައެވެ.

ޒުހޫރު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމާއި ޔޫތު މިނިސްޓަރު ކަމާއި ހެލްތު މިނިސްޓަރުކަން އަދި ހޯމް މިނިސްޓަރުކަން ކުރައްވައިފައެވެ. އޭގެ އިތުރުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމާއި ރައީސް އޮފީހުގެ މިނިސްޓަރުކަންވެސް ކުރެއްވިއެވެ.