ޚަބަރު

ރައީސްގެ މަރުހަބާ ޓްރަމްޕަށް، ވިދާޅުވީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ކާމިޔާބު ކުރެއްވި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

ޓްރަމްޕަށް މަރުހަބާ ދަންނަވައި ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ އާއި އެމެރިކާ ދެމެދުގައި އޮންނަ ބަދަހި ގުޅުމަކީ އިހުތިރާމާއި ހެޔޮއެދުމާއި އެއްބަސްވާ ކަންކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށެވެ.

"އަޅުގަނޑު އުންމީދަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ދެގައުމުގެ ދެމެދުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައި، ދުނިޔޭގެ ސުލްހަމަސަލަސްކަމާއި ތަނަވަސްކަމަށް މަސައްކަތްކުރުން," ރައީސް ވިދާޅުވިއެވެ.

މިވަގުތުގެ ނަތީޖާ ދައްކާ ގޮތުން އެމެރިކާގެ 50 ސްޓޭޓުގެ ތެރެއިން ގިނަ ސްޓޭޓުތައް ކާމިޔާބު ކުރެއްވީ ޓްރަމްޕެވެ. މިހާރުގެ ނައިބު ރައީސް ކަމަލާ ހެރިސްގެ މައްޗަށް ކުރި ހޯއްދަވައި ޓްރަމްޕް ވަނީ 267 އިލެކްޓޮރަލް ކޮލެޖް ވޯޓު ކަށަވަރު ކުރައްވައިފައެވެ. ކަމަލާ އަށް ލިބިވަޑައިގެންފައި ވަނީ 219 ވޯޓެވެ. ރައީސްކަން ލިބޭނީ 270 އިލެކްޓޮރަލް ވޯޓު ލިބިގެންނެވެ.

ޓްރަމްޕަށް ހަމައެކަނި ލިބިވަޑައިގަތީ އިލެކްޓޮރަލް ކޮލެޖް ވޯޓެއް ނޫނެވެ. ޕޮޕިއުލާ ވޯޓު ނުވަތަ ރައްޔިތުންގެ ސީދާ ވޯޓުވެސް އެންމެ ގިނައިން ހޯއްދެވީ ޓްރަމްޕެވެ. މިހާރުވެސް ކަމަލާ ހެރިސްއަށްވުރެ ފަސް މިލިޔަނެއްހައި ވޯޓު އިތުރަށް ހޯއްދަވައިފައިވެއެވެ.

ވަގުތީ ނަތީޖާތައް ދައްކާ ގޮތުން ޓްރަމްޕަށް ވަނީ 69,943,299 ވޯޓް ލިބިވަޑައިގެންފައެވެ. އެއީ 51.1 ޕަސެންޓެވެ. އަދި ކަމަލާއަށް 64,672,553 ވޯޓު ލިބިވަޑައިގެންފައިވާ އިރު، އެއީ 47.3 ޕަސެންޓެވެ. ބައެއް އެހެން ނޫސްތަކުން ލަފާ ކުރަނީ 300 އަށް ވުރެ ގިނަ އިލެކްޓޯރަލް ކޮލެޖު ޓްރަމްޕަށް ލިބޭނެ ކަމަށެވެ.