ގއ. ވިލިނގިޔަށް ބޯކޮށް ވާރޭވެހި، މީހުން ނޫޅެވޭވަރަށް ހަތަރު ގެެއަކަށް ގެއްލުންވެއްޖެއެވެ.
ގއ. ވިލިނގިލީ ކައުންސިލްގެ މެންބަރު ހަބީބު ހަސަން "ވަން އޮންލައިން" އަށް ވިދާޅުވީ، މިއަދު އެރަށަށް ކުރި ވިއްސާރައިގައި ގިނަ ގެތަކަށް ފެންވަދެ، ހަތަރު ގޭގައި މީހުން ނޫޅެވޭވަރަށް ގެެއްލުންވެފައިވާ ކަމަށެވެ.
އަދި އެ ގެތަކުގެ މީހުން އެހެން ތަނަކަށް ބަދަލު ކުރުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށާއި އެ ގެތަކުގެ ހިފާ ގެންގުޅޭ ތަކެއްޗަށާއި، އަލަމާރިއާއި ކަބަޑުފަދަ ތަކެއްޗަށް ފެނުގެ އަސަރުކޮށް ހަލާކުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ، މިހާރު ކަމާބެހޭ ފަރާތްތަކުން ފެން ހިންދުމަށް ރަށަށް އައުމަށް ދަތުރު ފަށާފައިވާ ކަމަށެވެ. އަދި ވާރޭ ވެހުމުން ރަށުގައި ފެންބޮޑުވުމުގެ މައްސަލައާ ކުރިމަތިލާން ޖެހިފައިވަނީ ރަށުގައި ތާރުއަޅާފައިވާ ގޮތުން ކަމަށާއި، ރަށުގައި ފެންބޮޑުވުމުގެ މައްސަލަ މީގެ ކުރިންވެސް މި ސަރުކާރާއި ކުރީގެ ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.