ސްރި ލަންކާގައި ހުރި އެ މަނިކުފާނުގެ ބައްޕާފުޅުގެ ހުރިހާ މުދަލެއް ދީފައިވަނީ ދޮންމަންމައަށް ކަމަށާއި ދޮންމަންމާފުޅަށް އެއްވެސް އެއްޗެއް ނުދޭ ކަމަށް ބުނެ ފަތުރަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ އެ މަނިކުފާނަކީ އެއްވެސް އިރެއްގައި އެއްވެސް މީހެއްގެ ޒާތީ ވާހަކަތައް ދައްކަވާ ބޭފުޅެއް ނޫން ކަމަށާއި އަބަދުވެސް ދައްކަވަނީ އެމީހެއްގެ ރަނގަޅު ވާހަކަތައް ކަމަށެވެ. އަދި ހާއްސަކޮށް އާއިލީ ޒާތީ ކަންކަމުގެ ތަފްސީލު ވާހަކަތައް ހިއްސާކުރައްވަން ވަރަށް ދަތި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ބައްޕާފުޅު އަވަހާރަވުމުން، ތަރިކަ ބެހުމުގެ ކަންކަން ކުރިއަށް ގެންދިޔައީ އެކަން އޮންނަ އުސޫލުން ކޯޓު މަރުހަލާއިން ކަމަށެވެ.
ރައީސް ވިދާޅުވީ ކޮލޮމްބޯގައި ބައްޕާފުޅުގެ ދެ ބިމާއި ކެންޑީގައި އެއް ބިން ހިމެނޭހެން ޖުމުލަ ތިން ބިމެއް އޮތް ކަމަށާއި އެތަނުން ދެތަނުގައި ގެސްޓުހައުސް ހަދައި ވިޔަފާރި ކުރަމުން އަންނަ ކަމަށެވެ. އަދި އަނެއް ބިމުގައި ހުރި އިމާރާތަކީ ދިރިއުޅުމަށް ހަދާފައިވާ ތަނެއް ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ނިންމީ އެ ތިން ގޯތި އިމާރާތާ އެއްކޮށް، ވިޔަފާރިއާ އެއްކޮށް ދޮންމަންމައަށް ދޭން ހިލޭ އެއްވެސް ބަދަލަކާ ނުލައި. އެހެންވީމަ އެ ތިން ގޯއްޗާއި އެ އިމާރާތާ ވިޔަފާރިއާ އެއްކޮށް އެހުރީ ދޮންމަންމައަށް ހިލޭ ދީފަ. އަދި ބައްޕަގެ ލަންކާގެ އެކައުންޓްގައި ހުރި ހުރިހާ ފައިސާއަކާ އެއްކޮށް. އެހެންވީމަ އެއާ އެއްކޮށް ދީފައިވެސް ދެން ދަމުން [ދޮންމަންމަ] މާލޭގައި ހުވަފަތް އަންބެއްވީމަ ދީނީގޮތުން އޮންނަ ބައިކުޅަބައި އެބައި އެއްކޮށް އަޅުގަނޑަށް ދޫކޮށްލާނަމޭ. އެހެންވީމަ އެއީ ނިންމި ނިންމުމަކީ. އެގޮތަށް ނިންމައިގެން ތަރިކަ ބަހާ ނިންމާފަ އެއޮތީ. އެއީ އެކަން އޮތްގޮތަކީ. ދެން އަޅުގަނޑު މިވަރަށްވެސް ބުނަން ބޭނުންނުވަނީ އެއީ އަޅުގަނޑުގެ މިޒާޖުގައި ހުންނަ ކަމެއް ނޫން ޒާތީ ވާހަކަތައް ދެއްކުމަކީ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިކަން އޮޅުވާލައި އެމަނިކުފާނުގެ އަގު ވައްޓާލުމަށް ދައްކާ ވާހަކަތަކަކީ ސިޔާސީ ބޭނުމެއްގައި ދައްކާ ވާހަކަތަކެއް ކަމަށާއި އެމަނިކުފާނާ ގުޅުވައި ދައްކާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.