ޚަބަރު

ޑެޕިއުޓީ ޓެކްސް ކޮމިޝަނާ ޖެނެރަލްގެ މަގާމަށް އަމީޒާ އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

އިބްރާހިމް ޒަކީ

ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ފާތިމަތު އަމީޒާ، ކޯޒީ ރައުންޑް/ގދ. ގައްދޫ، އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މަގާމަށް އަމީޒާ އައްޔަންކުރަން ފާސްކުރީ ޖަލްސާގައި ތިއްބެވި 66 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 64 މެންބަރުންގެ އިއްތިފާގުންނެވެ.

ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް މީހަކު އައްޔަން ކުރުމަށް މަޖިލީހުގެ ރުހުން ހޯދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ދެ ބޭފުޅެއްގެ ނަން ފޮނުއްވެވިއެވެ. ނަމަވެސް އަމީޒާގެ ނަން މަޖިލީހުން ފާސްކުރުމުން، އަސްމާ ޝަފީއު، ވައިޖެހޭގެ، ހއ. އިހަވަންދޫ، ގެ ނަމަށް ވޯޓަކަށް ނާއްސަވައެވެ.

ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅަކު އއްޔަންކުރަން މަޖިލީހަށް ފޮނުއްވީ، މިހާރު އެ މަގާމުގައި ހުންނެވި އަސްމާގެ ދައުރު މިދިޔަ އޮކްޓޫބަރު މަހުގެ 31 އަށް ހަމަވާތީއެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގައިވާ ގޮތުން މީރާ ހިންގާ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭނީ ޓެކްސް ކޮމިޝަނަރާއި ޑެޕިއުޓީ ޓެކްސް ކޮމިޝަނަރު ހިމެނޭހެން ހަތް މެންބަރުންނެވެ. ކޮންމެ މެންބަރެއްގެ ވެސް ދައުރަކީ ފަސް އަހަރުގެ މުއްދަތެކެވެ.