ޚަބަރު

ރާއްޖޭގެ 20 އަހަރުގެ މާސްޓަ ޕްލޭނަށް ހިޔާލު ހޯދަން ފަށައިފި، ގާނޫނީ ބާރުވެރިކަން ދޭނެ

ރާއްޖޭގެ ކުރިއަށް އޮތް 20 އަހަރުގެ ގައުމީ ތަރައްގީގެ މާސްޓަ ޕްލޭނަށް މަޝްވަރާ އާއި ހިޔާލު ހޯދުމުގެ މަސައްކަތްތައް މިއަދު ރަސްމީކޮށް ފަށައިފި އެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެ ތަރައްގީ ކުރުމަށްޓަކައި 20 އަހަރުގެ މާސްޓަ ޕްލޭނެއް އެކުލަވައިލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ގައުމީ ތަރައްގީގެ ޕްލޭނަށް ހިޔާލު ހޯދުމުގެ މަސައްކަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، އެ ޕްލޭނަކީ ހުރިހާ ދިވެހި ރައްޔިތުންގެ ހިއްސާ އޮންނަ ޕްލޭނަކަށް ހަދަން ޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ، އަމާޒަކީ، 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަށް ތަރައްގީ ވެފައިވާ ގައުމެއްގެ ދަރަޖަ ހޯއްދަވައިދެއްވުން ކަމަށެވެ

ރައީސް ވިދާޅުވީ، ގައުމީ ތަރައްގީގެ ޕްލޭން އެކުލަވައިލާއިރު، މިހާރަށްވުރެ ޑިޖިޓަލް އިކޮނޮމީއަށް ބަރޯސާވާ މިންވަރު އިތުރުކުރަން ޖެހޭ ކަމަށާއި އެގޮތުން އަމާޒަކީ 2030 ގައި ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ 15 ޕަސެންޓުގައި، ޑިޖިޓަލް އިކޮނޮމީ ހިއްސާވުން ކަމަށެވެ.

ރައީސް ވިދާޅުވީ، ތަރައްގީގެ ޕްލޭނާ އެކު، ގައުމީ ތަރައްގީއާ ގުޅޭ ގާނޫނެއް އެކުލަވައިލުމުގެ މަސައްކަތް ވެސް ކުރައްވާނެ ކަމަށެވެ.

"އެ ގާނޫނަކީ ގާނޫނުއަސާސީގައި ވެސް ރިކޮގްނައިޒް ކުރާ، ކަމަކަށް ހެދުމަށްޓަކައި ގާނޫނުއަސާސީއަށް ވެސް އިރާދަކުރެއްވިޔާ އިސްލާހެއް ގެންނަން ނިންމާފައި މި އޮތީ،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެ މަނިކުފާނުގެ އަމާޒަކީ އަހަރު ދުވަސް ތެރޭގައި ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލައި ތަންފީޒުކުރަން ފެށުން ކަމަށެވެ.