ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު

މިވަގުތު ފުޓުބޯޅައަށް ކޮށްދެވޭނެ އެންމެ މުހިއްމު ކަމަކީ ބަންގްލަދޭޝް ބަލިކުރުން: ސުޒޭން

މުޙައްމަދު ޝަމްޢޫން

1

ރާއްޖޭގެ ފުޓުބޯޅައަށް މިވަގުތު ގައުމީ ޓީމަށް ކޮށްދެވޭނެ އެންމެ މުހިއްމު ކަމަކީ ބަންގްލަދޭޝަށް ގޮސް، އެ ގައުމުގައި ކުޅޭ އެކުވެރިކަމުގެ ދެ މެޗު ކާމިޔާބުކޮށްގެން ގައުމަށް އައުން ކަމަށް ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

ރާއްޖޭގެ ގައުމީ ޓީމުން ކުރިއަށް އޮތް ފީފާ އިންޓަނޭޝަނަލް ބްރޭކްގައި ބަންގްލަދޭޝާ ދެކޮޅަށް ކުޅޭ ދެ މެޗު އޮންނާނީ މިމަހުގެ 13 އަދި 16 ވަނަ ދުވަހު ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އެރީނާގަ އެވެ.

ރާއްޖެއިން އެންމެ ފަހުން ގައުމީ ޓީމުގެ މެޗެއް ކުޅެފައިވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހުއެވެ. އެއީ ވޯލްޑް ކަޕް ކޮލިފިކޭޝަން ފުރަތަމަ ބުރުގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު ދެ ލެގެވެ. އެ ފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި މާލޭގައި ކުޅުނު މެޗު 1-1 އިން އެއްވަރުވި އިރު، ބަންގްލަދޭޝްގައި ކުޅުނު މެޗުން ރާއްޖެ ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ.

އޭގެ ކުރިން ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގައިވެސް ބަންގްލަދޭޝް ކައިރިން ރާއްޖެ ބަލިވެފައިވާ އިރު، ރާއްޖޭގެ ލީގު ފުޓުބޯޅަ ހުއްޓިފައި އޮންނަތާވެސް އަހަރެއްހާ ދުވަސް ވެއްޖެއެވެ. ރާއްޖޭގެ ކްލަބަކުން އެންމެ ފަހުން ވާދަކުރީ އޭއެފްސީ ޗެލެންޖް ލީގުގައެވެ. އެއީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުންނެވެ. އެ ކްލަބުން ޗެލެންޖް ލީގު ގްރޫޕް ސްޓޭޖު ނިންމާލީ ޕޮއިންޓެއް ނުލިބިއެވެ.

"ވަށައިގެން ދެން ހުރި ކަންކަމަށް ވިސްނުމަށްވުރެ ބޮޑަށް މީގެން ނެރެން ޖެހޭ ނަތީޖާ ނެރެން ފޯކަސް މިހުރީ. ވަށައިގެން ހުރި މައްސަލަތަކުގެ ވާހަކަ ބާއްވާފައި، ވަރަށް ގިނަ ދުވަސް ކޮށްފަ ރާއްޖޭގެ ގައުމީ ޓީމަށް ބައިނަލްއަގުވާމީ މެޗެއް ކުޅެން މި ލިބެނީ. އެހެންވީމަ އޭގެން ވީހާވެސް ޕޮސިޓިވް އެޑްވާންޓޭޖެއް ނެގުން އެއީ މިވަގުތު ކުޅުންތެރިންގެވެސް އަޅުގަނޑުގެވެސް ފޯކަސްއަކީ،" ގައުމީ ޓީމުގެ ކޯޗު، ސުޒޭން "ވަން ސްޕޯޓްސް" އަށް ދެއްވި އިންޓަވިއުއެއްގައި ބުންޏެވެ.

ކޯޗު ސުޒޭންގެ ނަޒަރުގައި މާޒިޔާ ކުޅުންތެރިންގެ މެޗު ފިޓްނަސް ރަނގަޅުވުމަކީ ފައިދާއެކެވެ. ހާއްސަކޮށް އެޓީމުގެ ކުޅުންތެރިންނާއި، މިހާތަނަށް ގައުމީ ސީނިއާ ޓީމުގެ ތަމްރީނުތަކުގައި 10 ވަރަކަށް ދުވަސް ހޭދަކުރި ކުޅުންތެރިންނާ އެކުވެ، ރަނގަޅު މެޗެއް ކުޅެވޭނެ ކަމަށް ކޯޗު ސުޒޭން ގަބޫލުކުރެއެވެ.

"މާޒިޔާ ޓީމުގައި ހިމެނޭ ކުޅުންތެރިން ވަރަށް ރަނގަޅު ޓްރައިނިންތަކަކަށްފަހު ގޮސް ތިން މެޗުވެސް ކުޅެފަ މިއައީ. އެ މެޗުތަކުގެ ސަބަބުން އެ ކުޅުންތެރިންގެ މެޗު ފިޓްނެސްވެސް ފުދޭވަރަކަށް ރަނގަޅުވާނެ. ދެން މިކޮޅުގަ މިހާތަނަށް ގައުމީ ޓީމާއެކު ފަރިތަކުރި ކުޅުންތެރިންގެ ތެރެއިން ޓީމަށް އަރާނެ ހަތަރު ފަސް ކުޅުންތެރިންގެ ފިޓްނެސްއާ ދޭތެރޭ އަދި މަސައްކަތް ކޮށްލީމަ ސީދާ އެއްޗެއް ބުނަން އެނގޭނީ. އެހެންވިޔަސް ނިހާޓް، އިއްބެ މި ކުޅުންތެރިން ހަމަ ފިޓްކޮށް ފެންނަނީ،" ސުޒޭން ބުންޏެވެ.

"މިވަގުތު ފުޓުބޯޅައަށް ކޮށްދެވޭނެ އެންމެ މުހިއްމު ކަމަކީ ބަންގްލަދޭޝް ބަލިކުރުން"

އިއްޔެ "ވަން ސްޕޯޓްސް"އާ ވާހަކަދައްކަމުން ކޯޗު ސުޒޭން ބުނީ މިވަގުތު ފުޓުބޯޅައަށް ކޮށްދެވޭނެ އެންމެ މުހިއްމު ކަމަކީ، ގައުމީ ޓީމު ބަންގްލަދޭޝްގައި ކާމިޔާބު ހޯދައިގެން އައުން ކަމަށެވެ.

"މިވަގުތު އަޅުގަނޑުމެންނަށް ފުޓުބޯޅައަށް ކޮށްދެވޭނެ އެންމެ މުހިއްމު ކަމަކީ، މި ގައުމީ ޓީމު ބަންގްލަދޭޝްގައި ކާމިޔާބު ހޯދައިގެން އައުން. އަޅުގަނޑުމެން މި ބަލަނީ އަޅުގަނޑުމެންނަށް ކޮށްދެވޭނީ ކޮން ކަމެއްތޯ. އެހެން ބަލާއިރު ބަންގްލަދޭޝަށް ގޮސް، އެ ޓީމު ބަލިކުރުން އެންމެ މުހިއްމު ކަމަކީ،" ސުޒޭން ފާހަގަކުރިއެވެ.

ބަންގްލަދޭޝްއިން މި ފަހަކަށް އައިސް ރާއްޖޭގެ މައްޗަށް ކުރި ހޯދަމުންދާ އިރު، އެކަމަކީ ޕްރެޝަރެއް ކަމަށް ދެކޭތޯ ސުވާލުކުރުމުން ކޯޗު ސުޒޭން ބުނީ މިހާރު މިއޮތް ޓީމުގެ ރޫހު ރަނގަޅުކޮށް، ކޯޗުގެ ވިސްނުން ގެނައުމުންވެސް ޓީމަށް އެކަމުން އަރައިގަނެވޭނެ ކަމަށެވެ.

"ރާއްޖެ އިންޓަނޭޝަނަލް މެޗުތަކަށް ފުރަތަމަ ނުކުންނަން ފެށި ހިސާބުން ބަންގްލަދޭޝާއި ރާއްޖެ ހަމަކޮށް، އޭރުގެ ވިސްނުމުގެ ތެރެއިންވެސް ރާއްޖެ އައީ ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދަމުން. ދެން މި ފަހުން ދެތިން މެޗެއްގައި އަޅުގަނޑުމެން ބަލިވެއްޖެ. އެކަމުގަ ވިސްނަން ޖެހޭ ކަންތައްތައް އެބަހުރި. އެހެންވިޔަސް، ކުޅުންތެރިންގެ ވޯކް ރޭޓް، އަދި ކޯޗުގެ ވިސްނުން މިހާރު މިއޮތް ޓީމަށް ލިޔަސް، އެ ބަދަލުކުރެވޭނެ ކަމަށް ގަބޫލުކުރަނީ،" ސުޒޭން ބުންޏެވެ.

ގައުމީ ޓީމުން ބަންގްލަދޭޝް ދެމެޗަށް ތައްޔާރުވަމުން އަންނައިރު، ވަރަށް ޒުވާން ކުޅުންތެރިންވެސް ތަމްރީނުތަކުން ފެނިގެން ދެއެވެ. އެގޮތުން 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅުނު ކުޅުންތެރިންވެސް އިއްޔެ ކުރިއަށް ގެންދިޔަ ތަމްރީނުތަކުން ފާހަގަވިއެވެ.

ކޯޗު ސުޒޭނާއެކު ޓީމުގައި އެސިސްޓެންޓް ކޯޗުންގެ ގޮތުގައި މަސައްކަތް ކުރަމުން ގެންދަނީ މާޒިޔާގެ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒޭރާއި 20 އަހަރުން ދަށު ޓީމުގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ)އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟