ޚަބަރު

ޖެޓު ހޭންޑްލިންގެ ހުރިހާ ފައިދާއެއް ދިވެހިންނަށް ލިބޭ ގޮތް ހަދަނީ

ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓްތަކާއި އެއާލައިންތަކަށް ދޭ ހިދުމަތްތަކުން ދިވެހި ކުންފުނިތަކަށް ލިބޭ ފައިދާ އިތުރުވާ ގޮތަށް އުސޫލުތައް ބަދަލުކުރައްވާނެ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ރާއްޖެ އަންނަ ޖެޓްތަކާއި އެއާލައިންތަކުގެ ބޯޓުތަކަށް ހޭންޑްލިން ހިދުމަތް ދިނުމަށް ދިވެހި ކުންފުނިތަކެއް ރަޖިސްޓަރީކޮށްފައިވީ ނަމަވެސް، އޭގެ އަޑީގައި ތިބީ ބޭރުގެ ފަރާތްތައް ކަމަށާއި އެކަމުގެ ސަބަބުން ބޭރުގެ ކުންފުނިތަކަށް ލިބޭ މަންފާ ބޮޑު ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ކުރާ ވިޔަފާރިއެއްގެ ފުރިހަމަ މަންފާ ލިބެންވާނީ ދިވެހީންނަށް ކަމަށާއި އެހެންކަމުން ޖެޓާއި އެއާލައިން ވިޔަފާރީގެ ހަގީގީ ފައިދާ ދިވެހިންނަށް ލިބޭ ގޮތަށް އުސޫލުތައް ބަދަލުކުރައްވާނެ ކަމަށެވެ.

"އެފަދަ ކުންފުނިތަކަކީ ސައްތައިން ސައްތަ ދިވެހި ކުންފުނިތަކަށް ހެދުމަކީ އަމާޒެއް" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެ ބަދަލު ގެނައުމަށް ގާނޫނީ ގޮތުން ގެންނަން ޖެހޭ ބަދަލުތައް އަންނަ އަހަރު ގެންނަވާނެ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މިހާރު އެ ވިޔަފާރީގައި އުޅޭ ކުންފުނިތައް އޮޑިޓްކުރުމުގެ މަސައްކަތްވެސް ކުރައްވާނެ ކަމަށާއި އެފަދަ ވިޔަފާރިތައް ހަރުދަނާ އުސޫލެއްގެ ދަށުން މޮނިޓާ ކުރައްވާނެ ކަމަށެވެ.