ޒަމާނުއްސުރެ ދިވެހިންނަކީ ރަމަޟާން މަހު މީރު ކެއުން ކައިގެން އުޅޭ ބައެކެވެ. އެގޮތުން އެންމެ ތަނަވަސް މީހާއިން ފެށިގެން އެންމެ އާދައިގެ މީހާވެސް ރޯދަމަހު ކައިބޮއި އުޅެނީ އެހެން މަސްތަކާ ހިލާފަށް މީރު ކޮށެވެ.
ދިވެހިންނަކީ ތަފާތު ރަހަތައް ތަޖުރިބާކުރާ ބައެކެވެ. އަދި ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ މަތިން މިޒަމާނުގައިވެސް ދިވެހި ކެއުން ހުރިހާ ގެއެއްގައިވެސް ބޭނުން ކުރެއެވެ. ގިނަ ދިވެހިންނަށް އަދިވެސް އެންމެ ކަމުދަނީ ދިވެހި ކެއުމެވެ.
ތޮރާ މަސްހުންޏަކީވެސް ރޮއްޓާއެކު ކާން ދިވެހިންނަށް ވަރަށް ކަމުދާ އެއްޗެކެވެ.
ބޭނުންވާ ތަކެތި:
4 ތޮރާ (އާދައިގެ)
1 ދަޅު މަސް
1 ގިތެޔޮ މިރުސް (ކޮށާފައި)
1 ފިޔާ (ކޮށާފައި)
1 ލުނބޯ
ބައި ޖޯޑު ހުނި
ލޮނު
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ތޮރާކޮޅު މަށާލުމަށްފަހު ތޮރައެއް ތިން ބުރިއަށް ބުރިކޮށްލުމަށްފަހު ތެއްޔަކަށް ބައި ޖޯޑު ފެން އަޅައިގެން ތޮރާކޮޅު މަޑުކޮށްލާށެވެ. ތޮރާ މަޑުވުމުން ތައްޓަކަށް ނަގާށެވެ. އެއަށްފަހު ފިޔާ، މިރުސް، ލުނބޯ، ލޮނު، ހުތް ޖަހައިގެން މޮޑެލާށެވެ. ދެން މަސް އަދި ހުނި އަޅައިގެން ރަނގަޅަށް މޮޑެލުމަށްފަހު ތޮރާކޮޅު އަޅައި ރަނގަޅަށް މޮޑެލުމަށްފަހު ރަހަ އެއްވަރުކުރާށެވެ. ރޮއްޓާއެކު ވަރަށް މީރުވާނެއެވެ.