ފޭދޫ ނުކުޅެދުންތެރިކަން ހުންނަ އަންހެންމީހާއަށް އަނިޔާކުރި މީހުންތައް ހޯދިއްޖެކަމަށް ފުލުހުން ބުނެފިއެވެ.
"ވަންއޮންލައިން" އަށް މައުލޫމާތު ދެމުން ފުލުހުން މިއަދު ބުނީ، ށ.ފޭދޫގައި ނުކުޅެދުންތެރިކަން ހުންނަ އަންހެން މީހާއަށް އަނިޔާ ކުރި މީހުން މިހާރު ދެނެގަނެވިފައިވާ ކަމަށާއި، ނަމަވެސް އެމީހުން ހައްޔަރު ނުކުރާކަމަށެވެ.
އަދި އެ މައްސަލަ ފުލުހުން ތަހްގީގު ކުރަމުން ގެންދާތީ އެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ދެވެން ނެތްކަމަށް ފުލުހުން ބުނެއެވެ.
ފޭދޫގައި ނުކުޅެދުންތެރިކަން ހުންނަ އަންހެންމީހެއް ހޮޅިދަނޑިއެއްގައި އައްސައި، ބޮލަށް ގޯނި މެހި މައްސަލައާ ގުޅިގެން، މިނިސްޓަރ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސާވިސަސް ޝިދާތާ ޝަރީފު ކުރެއްވި ޓުވީޓެއްގައި ވަނީ ހާއްސަ އެހީއަށް ބޭނުންވާ އަންހެން މީހާއަށް އަނިޔާ ދިން ފަރާތްތައް ހޯދައި، އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވިދާޅުވެފައެވެ.