ލޮލުގެ ފަރުވާއަށް ބޭނުންކުރާ އަގުބޮޑު އިންޖެކްޝަނެއް، އަމިއްލަ ކުންފުންޏަކުން 500 ޑޮލަރަށް އެތެރެކޮށް، 23،000 ރުފިޔާއަށް އާސަންދައަށް ބިލްކުރަމުން ގޮސްފައިވާކަން ހާމަވެފައިވާކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ ސީއީއޯ ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.
އަގުބޮޑުކޮށް ބިލްކޮށް ވިއްކަމުންދަނީ ލޮލުގެ ފަރުވާއަށް ބޭނުންކުރާ "ލުސެންޓިސް" އިންޖެކްޝަނެވެ.
"ލިސެންޓިސް" އިންޖެކްޝަން އާސަންދައިން މިހާރު ކަވަރު ނުކުރާތީ، ބަލި މީހާ އަމިއްލައަށް އެ އިންޖަކްޝަން ގަތުމަށް 24،000 ރުފިޔާ ހޭދަކުރަން ޖެހުނު ކަމަށް ބުނާ މެސެޖެއް މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.
އެ މެސެޖުގެ ސްކްރީންޝޮޓެއް ފޭސްބުކްގައި ހިއްސާކުރައްވައި ހީނާ ވިދާޅުވީ، އެއީ، އާސަންދައިން ވިޔަފާރިކޮށް ނާޖާއިޒު ބޮޑެތި ފައިދާ ނަގައި އުސޫލުތަކުން ބޭރުން ކަންކުރުމުގެ ލާމަސީލު މިސާލެއް ކަމަށެވެ. އެގޮތުން އާސަންދައިގެ ބޭހުގެ އަގު މުރާޖައާކުރުމުގެ ތެރެއިން، "ލުސެންޓިސް" އިންޖެކްޝަންގެ އަގު ބެލިއިރު އެ ބޭސް ވިއްކަމުން ދަނީ ގަންނަން ލިބޭ އަގު ކަމުގައިވާ 500 ޑޮލަރަށްވުރެ އެތައް ގުނައެއް ބޮޑުކޮށް 23،000 ރުފިޔާއަށް ކަމަށް ހީނާ ވިދާޅުވިއެވެ.
"މިއީ 18 ރުފިޔާގެ ރޭޓުން ޑޮލަރު ބެލިކަމުގައިވިޔަސް، އެންމެ އިންޖިކްޝަނަކުން 14،000 (ސާދަހާސް) ރުފިޔާގެ ފައިދާއެއް" ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ މި ބޭސް އެތެރެކުރަން ރަޖިސްޓްރީ ކޮށްފައިވަނީ މުޅިން އެހެން ކުންފުންޏަކުން ކަމަށެވެ. ނަމަވެސް އެ ފަރާތުން އެއްވެސް ވަރަކަށް މި ބޭސް އެތެރެކޮށްފައި ނުވާކަމަށް ވިދާޅުވިއެވެ.
"ލޮލުގެ ފަރުވާގެ ހިދުމަތްދޭ މި ފަރާތުން ބޭސްވިއްކާފައިވަނީ ބޭސް އެތެރެކުރުމަށް ރަޖިސްޓަރީ ނުކޮށް ޕްރިސްކްރިޕްޝަނަށް، އެކަމަކު ސްކީމްގެ ތެރެއިން މި އިންޖެކްޝަނަށް އެންމެ ގިނައިން ބިލްކޮށްފައިވަނީ މި ފަރާތުން." ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައި ނުވާ އިންޖެކްޝަނަކަށް ބިލުކޮށްފައިވުމާއި، އަގުގެ ބޮޑު ތަފާތަކުން ބޮޑު ފައިދާއެއް ނަގަމުންދިޔަ އިރު އެކަން އާސަންދަ ކުންފުންޏަށް ނުވަތަ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއަށް އަންގައިފައިނުވާ ކަމަށާއި އެކަން ފާހަގަވީ އާސަންދައިގެ ބޭހުގެ އަގު މުރާޖައާކުރުމުގެ ތެރެއިން ކަމަށެވެ.
ހީނާ އިތުރަށް ވިދާޅުވީ، އެފަދަ ކަންކަން ހުއްޓުވުމަށް ފިޔަވަޅު އަޅައި އެންސްޕާގެ ވެލްފެއާ އެހީގެ ދަށުން މިހާރުވެސް ކޮންޓްރޯލް އަގެއްގައި، ބޭނުންވާ ފަރާތްތަކަށް އެ ބޭސް ހޯދުމަށް އެހީތެރިކަން ދެމުން ގެންދަވާ ކަމަށެވެ.