އުސޫލުތަކާ ހިލާފަށް އޯޑިއޯ/ވީޑިއޯ ކެޓެގަރީގެ ތަހުގީގީ ނޫސްވެރިކަމުގެ އިނާމު، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން "އަދަދު" ނޫހަށް ދީފައިވާ ކަމަށް ބުނާ މައްސަލައިގެ ތަހުގީގަށް އެންޓި ކޮރަޕްޝަން ކޮމިޝަން، (އޭސީސީ) އިން އެ އިދާރާއަށް ވަދެއްޖެއެވެ.
އޭސީސީގެ މީޑިއާ އޮފިސަރު ހުސެއިން މަނިކު "ވަން" އަށް ދާދި ދެންމެ ވިދާޅުވީ އެމްއެމްސީން ކުރިއަށް ގެންދިޔަ ނޫސްވެރިކަމުގެ އެވޯޑާ ގުޅިގެން އެ ކޮމިޝަނަށް ހުށަހެޅި މަގާމުގެ ނުފޫޒުގެ ބޭނުންކޮށްގެން ކޮރަޕްޝަން ހިންގި ކަމަށް ބުނާ މައްސަލައެއްގައި މިއަދު އެ އިދާރާއަށް، އެ ކޮމިޝަންގެ ބައެއް މެންބަރުން ގޮސްފައިވާ ކަމަށެވެ. އަދި މައްސަލައިގައި ބޭނުންވާ ބައެއް މައުލޫމާތާއި ލިޔެކިޔުން ހޯދާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އިތުރު މައުލޫމާތެއް ނުދެއްވައެވެ.
އެމްއެމްސީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އޭސީސީގެ ބައެއް މެންބަރުން މިއަދު އެ ކޮމިޝަނަށް ވަޑައިގެން، އެ މައްސަލައާ ގުޅުން ހުރި ބައެއް ލިޔެކިޔުން ވަނީ ގެންދަވައިފައެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި އެމްއެމްސީގެ އެވޯޑް ހަފުލާގައި އޯޑިއޯ/ވީޑިއޯ ކެޓަގަރީގެ ތަހުގީގީ ދާއިރާއިން ނޫސްވެރިކަމުގެ އިނާމު ލިބުނީ "އަދަދު" އޮންލައިންގެ "ސްކީލާން" ޑޮކިއުމެންޓްރީއަށެވެ. އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒާތީ ދިރިއުޅުއްވުމާ ގުޅުވައިގެން ގެނެސްދިން ޑޮކިއުމެންޓަރީއެކެވެ.
ނަމަވެސް އޯޑިއޯ ވީޑިއޯ ކެޓަގަރީގެ ތަހުގީގީ ނޫސްވެރިކަމުގެ އިނާމު ދީފައިވަނީ އެމްއެމްސީގެ އެވޯޑް ދިނުމުގެ އުސޫލާއި މަގުސަދުތަކާ ހިލާފަށް ކަމަށް 11 ވަނަ ނޫސްވެރިކަމުގެ އިނާމުގެ ފަނޑިޔާރުންގެ މަޖިލީހުން ވަނީ ފަހުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.
އެ ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ މުހައްމަދު ސަލީމް، ޝައްމާން ޝާކިރު، ހަސަން އާމިރު، ފާތިމަތު އަޝްވާ ފަހީމާ، އަބްދުﷲ ނައީމް އިބްރާހިމް އަދި އަބްދުﷲ އަޒްމީންއެވެ. އެނގިފައިވާ ގޮތުގައި އެ ފަނޑިޔާރުންގެ ތެރެއިން އޯޑިއޯ ވީޑިއޯ ކެޓަގަރީގެ ތަހުގީގީ ނޫސްވެރިކަމަށް ހުށަހެޅި ވީޑިއޯތަކަށް ފަނޑިޔާރުކަން ކުރެއްވީ ޝައްމާން، އަޒްމީން އަދި އަޝްވާ އެވެ.
އެ ފަނޑިޔާރުންގެ މަޖިލީހުން ނެރުނު ނޫސްބަޔާނެއްގައި ވަނީ އެމްއެމްސީގެ އޯޑިއޯ ވީޑިއޯ ކެޓަގަރީގެ ތަހުގީގީ ނޫސްވެރިކަމުގެ އިނާމު އުސޫލާ ހިލާފަށް ދިންކަން ބަޔާންކޮށް ހަތް ކަމެއް ފާހަގަކޮށްފައެވެ.