ޚަބަރު

ރަސްމީ ރިޒާވް 776.2 މިލިޔަން ޑޮލަރަށް، ޔޫޒަބަލް ރިޒާވް 251.8 މިލިޔަން ޑޮލަރަށް، ދަށްވެއްޖެ

އިބްރާހިމް ޒަކީ

ރާއްޖޭގެ ރަސްމީ ރިޒާވް، 776.2 މިލިޔަނަށް ދަށްވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ މިއަހަރުގެ މާޗްމަހުގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި، މިއަހަރުގެ ފެބްރުއަރީމަހު، 938 މިލިޔަން ރުފިޔާގައި ހުރުމަށްފަހު، މާޗްމަހު ނިމުނު އިރު ރަސްމީ ރިޒާވް ވަނީ 776.2 މިލިޔަނަށް ދަށްވެފައެވެ. އެއީ 17 ޕަސެންޓްގެ ދަށްވުމެކެވެ.

އެ ޕަސެންޓޭޖަށް ބަލާއިރު އެއީ 162 މިލިޔަން ޑޮލަރުގެ މަދުވުމެކެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނީ، އެއް މަސް ދުވަހުގެ ތެރޭގައި ރަސްމީ ރިޒާވަށް އެފަދަ ބޮޑު ބަދަލެއް އައިސްފައި ވަނީ ސަރުކާރުން އިންޑިއާ އާ އެކު ހަދާފައިވާ ކަރަންސީ ސްވޮޕް ނުވަތަ ފައިސާ ބަދަލު ކުރުމުގެ އެއްބަސްވުމުގެ ދަށުން، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އަށް ދައްކަން ޖެހޭ 100 މިލިޔަން ޑޮލަރު ދެއްކުމުން ކަމަށެވެ.

އެމްއެމްއޭއިން ބުނެފައިވަނީ، އެ އެއްބަސްވުމުގެ ދަށުން އިންޑިއާ އިން ރާއްޖެ އަށް ދޫކުރާ 200 މިލިޔަން ޑޮލަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަގާމާއި ހަވާލުވުމަށް ފަހު އިންޑިއާ އަށް ކުރެއްވި ދަތުރު ފުޅުގައި، ދެ ގައުމުން މަޝްވަރާ ކޮށްގެން ވަނީ 400 މިލިޔަން ޑޮލަރަށް އިތުރު ކޮށްފައި ކަމަށެވެ.

މީގެ އިތުރުން ބޭންކުތަކުން ހިންގާފައިވާ މުއާމަލާތްތަކާއި އާންމުންނަށް ދޫކުރާ ޑޮލަރުގެ އަދަދާއި، ސަރުކާރުގެ ހަރަދުތަކަށް ބަލާއިރު ރިޒާވަށް އެފަދަ ބަދަލުތައް އައުމަކީ އާއްމު ކަމެއް ކަމަށް ވެސް އެމްއެމްއޭއިން ބުނެފައިވެއެވެ.

ރަސްމީ ރިޒާވްގެ އިތުރުން ރާއްޖޭގެ ޔޫޒަބަލް ރިޒާވް 251.8 މިލިޔަން ޑޮލަރަށް ވެސް ވަނީ މަދުވެފައެވެ.

ޔޫޒަބަލް ރިޒާވް އަކީ މުޅި ގައުމަށް ބޮޑުކަމެއްް ދިމާވެއްޖެނަމަ، ވަގުތުން ބޭނުން ކުރަން ބަހައްޓާފައި ހުންނަ ދައުލަތުގެ ރިޒާވްއެވެ.

މިއަހަރުގެ ފެބްރުއަރީ މަހު، ޔޫޒަބަލް ރިޒާވް ހުރީ، 295.3 މިލިޔަން ޑޮލަރުގައެވެ. އަދި ޖެނުއަރީ މަސް ނިމުނުއިރު، ޔޫޒަބަލް ރިޒާވުގައި 317.9 މިލިއަން ޑޮލަރު ހުއްޓެވެ.