ހާއްސަ ގާނޫނެއް ހަދައި، 16 އަހަރުން މަތީގެ ކުދިންނަށް މިލިޓަރީ ތަމްރީނުދޭން ޕްރޮގްރާމެއް ފެށުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ހިދުމަތުގެ ޕްރޮގްރާމު، ނެޝަނަލް ސާވިސްގެ ގޮތުގައި އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ޕްރޮގްރާމެއް ފެށިގެންދާނެ ކަމަށާއި އެ ޕްރޮގްރާމަކީ އޯ ލެވެލް ނިންމުމަށްފަހު، އިތުރަށް ތައުލީމާއި ވަޒީފާގެ ފުރުސަތުތައް ނުލިބޭ ކުދިންނަށް ހާއްސަ ޕްރޮގްރާމެއް ކަމަށެވެ.
"މި ޕްރޮގްރާމު ވެގެންދާނީ މި ނެޝަނަލް ސާވިސްއަކީ ގާނޫނެއް ހެދިގެން، އެ ގާނޫނުން ބާރު ލިބިގެން، އުމުރުން 16 އަހަރުވުމަށްފަހު އެ 16 އަހަރުވެގެން އޯ ލެވެލް ނިންމާފައި، ނޫނީ ތައުލީމު ހާސިލުކުރެވުނު ހިސާބަކުން ދެން މައްޗަށް ދިއުމުގެ ފުރުސަތު ނުލިބޭ ކުދިންނާއި އަދި ވަޒީފާއެއް ވެސް ނުލިބޭ ކުއްޖަކު ވެއްޖެއްޔާ މި ޕްރޮގްރާމުގައި ބައިވެރިވާން ޖެހޭނެ. ބައިވެރިވެގެން މިލިޓަރީ ތަމްރީނު ހޯދަންޖެހޭނެ. ހޯދައިގެން ރެކްރޫޓްމަންޓް ޕްރޮގްރާމު ނިންމައި، ފުލް އޮފިސަރަކަށް ސިފައިންގެ މީހަކަށް ބަދަލުވާނެ. އަދި ފުލުހުންގެ ހިދުމަތަށް ދާ ކަމަށްވަންޏާ، ފުލުހުންގެ މީހަކަށް ބަދަލުވާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާރު ހުށަހަޅާފައި އޮތް ބަޖެޓުގައި ނިއު ޕޮލިސީ އިނީޝިއޭޓިވްސް (އެންޕީއައި)ގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ ހިމެނޭނެ ކަމަށާއި އޭގެ ތެރެއިން 400 މިލިއަން ރުފިޔާ ކަނޑައަޅާނީ ނެޝަނަލް ސާވިސް ޕްރޮގްރާމު ހިންގުމަށް ކަމަށެވެ. އަދި ކޮންމެ އަހަރަކު ވެސް އިތުރު 400 މިލިއަން ރުފިޔާ އިތުރުކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އެއީ ހިސާބު ޖަހައި، ކަމާބެހޭ ވުޒާރާތަކުގެ ހިސާބުތަކެއް އަޅުގަނޑު ހޯދައި، ހުރިހާ ކަމެއް ކަލްކިއުލޭޓްކޮށް ފައިނަލްކުރެވިފައި ހުރި އަދަދުތަކެއް. މި އަދަދަށް 400 މިލިއަން ރުފިޔާ އިން އަޅުގަނޑުމެންނަށް ކޮންމެ އަހަރަކު ސިފައިންގެއަށް 1000 ކުދިން، ފުލުހުންނަށް 250 ކުދިން ވެއްދޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މަގުމަތީގައި ބާކީވެފައި ތިބުމުގެ ބަދަލުގައި، ކުރިއަށްއޮތް ހަތަރު އަހަރުގެ ތެރޭ ޖުމުލަ 5000 ކުދިންނަކީ ފުލުހުންގެ ތަމްރީނާއި ސިފައިންގެ ތަމްރީނު ލިބިފައި ތިބި، އަހުލާގު ރަނގަޅު، ގައުމަށް ފައިދާ ހުރި، މުޖުތަމައަށް ފައިދާ ހުރި ބައެއްގެ ގޮތުގައި ވެގެންދާނެ ކަމަށެވެ.