ޚަބަރު

ރައީސަށް ހިލްމީގެ ޝުކުރު: ރައީސް އެ ދައްކުވައިދެއްވަނީ އެ މަނިކުފާނަކީ ސިފައިންގެ އަގު ވަޒަންކުރައްވާނެ ރައީސެއްކަން!

ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ދައްކުވައިދެއްވަނީ އެ މަނިކުފާނަކީ ސިފައިންގެ އަގުވަޒަންކުރައްވާނެ ރައީސެއްކަން ކަމަށް ވިދާޅުވެ، އެ މަނިކުފާނަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ ޝުކުރު އަދާކުރައްވައިފިއެވެ.

ނަސްރުގެ ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ސިފައިންގެ އަސްކަރީ ހަރަކާތް ދައްކާލުމަށް ޖުމްހޫރީ މައިދާނުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހިލްމީ ވިދާޅުވީ ނަސްރުގެ ދުވަހުގެ ހުރިހާ ހަރަކާތެއްގައި ރައީސް ބައިވެރިވެވަޑައިގަންނަވާ ކަމަށާއި އެއީ އެހެން އަހަރުތަކުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ބައިވެރިވެވަޑައިގަންނަވާ ހަރަކާތްތަކެއް ނޫން ކަމަށެވެ.

"އެހެންނަމަވެސް އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު މި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވައި، ސާބިތުކޮށްދެއްވަމުން އެ ގެންދަވަނީ އެ މަނިކުފާނަކީ މި ގައުމުގެ ހައްގުގައި ޝަހީދުވެފައިވާ ބޭކަލުންނާއި، ގައުމުގެ ހައްގުގައި މަތިވެރި ގުރުބާނީ ވެފައިވާ ދިވެހި ސިފައިން އަދި ދިވެހިންގެ އަގު ވަޒަންކުރައްވާނެ ރައީސުލްޖުމްހޫރިއްޔާއެއްކަން،" އޭނާ ވިދާޅުވިއެވެ.

ހިލްމީ ވިދާޅުވީ ފާއިތުވެދިޔަ ގިނަ އަހަރުތަކެއްގައި ނަސްރުގެ ދުވަސް ބޭއްވެމުން އައިސްފައިވަނީ ހަމައެކަނި ސިފައިންގެ ލެވެލްގައި ކަމަށާއި އެ ދުވަހަށް ދޭންޖެހޭ ސަމާލުކަން އެންމެ ރަނގަޅަށް، އެންމެ އެކަށީގެންވާ ގޮތުގައި ދެވިފައިނުވާ ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒު އެކަން ބަދަލުކުރައްވައި، ނަސްރުގެ ދުވަސް ގައުމީ ލެވެލްގައި ވީހާވެސް ކުލަގަދަގޮތެއްގައި ފާހަގަކުރައްވަން ނިންމެވި ކަމަށް ވިދާޅުވިއެވެ.

"އެހެންކަމުން ނަސްރުގެ ދުވަސް ގައުމީ ލެވެލްގައި ފާހަގަކުރައްވައި، ދިވެހި ސިފައިން ވީ މަތިވެރި ގުރުބާނީގެ އަގުވަޒަންކުރައްވައި، އަދި ނަސްރުގެ ދުވަހާ ގުޅިގެން ބާއްވާ ކޮންމެ ހަރަކާތެއްގައި ބައިވެރިވެވަޑައިގެންދެއްވާ ކަމަށްޓަކައި އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒަށް އެންމެހާ ސިފައިންގެ ނަމުގައި އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" އޭނާ ވިދާޅުވިއެވެ.

ނަސްރުގެ ދުވަހުގެ ހަރަކާތްތައް ފެށިގެން ދިޔައީ ފަތިސް ނަމާދުންނެވެ. އެއަށްފަހު ރައީސް ވަނީ މިއަދު ހެނދުނު ނަސްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު ހުޅުއްވައިދެއްވައިފައެވެ. އަދި މިއަދު ހަވީރު ބޭއްވި އަސްކަރީ ހަރަކާތް ދައްކާލުމުގެ ރަސްމިއްޔާތުގައި ވެސް ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ. ނަސްރުގެ ދުވަހުގެ ހަރަކާތްތަކުގައި ދެން ހިމެނެނީ މިރޭ ބާއްވާ ނަސްރުގެ ދުވަހުގެ ހާއްސަ ޖަލްސާއެވެ.