ޕީއެސްޖީ

ޕީއެސްޖީއަށް ހަނި މޮޅެއް، ފުރުސަތު ބޭކާރު ކުރިޔަސް އެންރިކޭއަށް މައްސަލައެއް ނެތް

ފްރާންސް ލީގުގެ އެއްވަނައިގައި އޮތް ޕީއެސްޖީން ރޭ އަމިއްލަ ދަނޑުގައި ލެންސް ބަލިކޮށްފިއެވެ.

ޕީއެސްޖީން ރޭ އަމިއްލަ ދަނޑުގައި ލެންސް ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ޕީއެސްޖީން ރޭ ހޯދި ހަނި މޮޅާއެކު އެޓީމު ލީގު ތާވަލުގެ އެއްވަނައިގައި އޮތީ 10 މެޗުން 26 ޕޮއިންޓާއެކުގައެވެ. މޮނާކޯ ދެވަނައިގައި އޮތް އިރު، އެޓީމަށް 10 މެޗުން ލިބިފައި ވަނީ 20 ޕޮއިންޓެވެ. އޭގެ ފަހަތުން ލިލް ތިންވަނައިގައި އޮތް އިރު، ހަތަރު ވަނައިގައި އޮތީ މާސޭ އެވެ.

ރޭގެ މެޗުގައި ޕީއެސްޖީން ޖެހި ހަމައެކަނި ގޯލަކީ ހަތަރު ވަނަ މިނެޓުގައި ޖެހި ގޯލެކެވެ. އެ ގޯލަކީ އުސްމާން ޑެމްބެލޭ ޖަހައިދިން ގޯލެކެވެ. އޭގެފަހުންވެސް ޕީއެސްޖީއަށް އެތައް ފުރުސަތެއް ލިބި ބޭކާރުވެގެން ދިޔަ އިރު، ލެންސުން މެޗުގެ ބޮޑު ބައެއްގައި ކުޅުނީ ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ އަބްދުކޮދިރް ހުސަނޯވަށް 59 ވަނަ މިނެޓުގައި ދެއްކި ރަތް ކާޑާއެކުގައެވެ.

އޭގެފަހުން މާކޯ އެސެންސިއޯއާއި ބްރެޑްލީ ބާކޯލާގެ އިތުރުން ޑެމްބެލޭއަށްވެސް ހުސް ފުރުސަތުތައް ލިބި ބޭކާރުވި އިރު، ޕީއެސްޖީން ފުރުސަތުތައް ނަގާލާ ކަމަށް ބުނެ މީޑިއާއިން ވަނީ މީގެ ކުރިންވެސް އެޓީމަށް ފާޑު ކިޔައިފައެވެ.

އެހެން ނަމަވެސް އެކަމާ ކޯޗު އެންރިކޭ ހާހެއް ނުވެެއެވެ. ރޭގެ މެޗަށްފަހު އެންރިކޭ ބުނީ "ޕީއެސްޖީ އޮތީ ހާލަތު ދަށްކޮށް، ގޯލު ނުޖެހޭ ޓީމެއްގެ ގޮތުގައި،" ކަމަށް މީޑިއާއިން ތަފާތު އެކި ފަހަރު މަތިން ސިފަކުރި ނަމަވެސް އެއީ ހަގީގަތް ނޫން ކަމަށެވެ.

އެންރިކޭ ބުނީ އަބަދުވެސް ބަލަނީ މީޑިއާއަށް ނުބަލާ މަސައްކަތް ކުރެވޭތޯ ނަމަވެސް، އެހާ ބޮޑަށް ފާޑު ކިޔުމުން ރައްދު ދޭން ބޭނުންވާ ކަމަށާއި، ފުރުސަތުތައް ނަގާލިޔަސް އެއީ ހާސްވާ ކަމެއް ނޫން ކަމަށެވެ.