ޔޫއެފާ ޗެމްޕިއަންސް ލީގު

ގަދަ 16ގައި ރެއާލުން ނުކުންނާނީ އެތުލެޓިކޯއާ ދެކޮޅަށް، ލިވަޕޫލާއި ޕީއެސްޖީގެ ކުރިމަތިލުމެއް

ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16 ގައި ޕީއެސްޖީ އާއި ލިވަޕޫލް ވާދަކުރަން ޖެހުނު އިރު، ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑް ވާދަކުރަން ޖެހިއްޖެއެވެ.

މިއަހަރުގެ ޗެމްޕިއަންސް ލީގު މުޅިން އާ ފޯމެޓަކަށް ކުޅެފައިވާ އިރު، ޓީމުތައް ގަދަ 16 އަށް ދަތުރު ކުރީ ލީގު ބުރުގެ އިތުރުން ޕްލޭ އޮފް މެޗުތަކަށްފަހުއެވެ. ގަދަ އަށަކަށް ސީދާ ގަދަ 16 އިން ޖާގަ ލިބުނު އިރު، އަނެއް އަށް ޓީމު ކަނޑައެޅީ ޕްލޭ އޮފް ދެ ލެގުންނެވެ.

ރެއާލުން ޕްލޭ އޮފްގައި މެންޗެސްޓާ ސިޓީ ކަޓުވާލާފައިވާ އިރު، އެ ޓީމުން ގަދަ 16 ގައި ނުކުންނަން ޖެހުނީ ޑާބީއަކަށެވެ. އެއީ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ. އޭގެ އިތުރުން ބަޔާން މިއުނިކަށްވެސް އިދިކޮޅަށް ނުކުންނަން ޖެހުނީ ލީގުގެ ވާދަވެރިއެއް ކަމަށްވާ ބަޔާން ލެވަކޫސަންއާ ދެކޮޅަށެވެ.

ދެން އެންމެ ފާހަގަކޮށްލެވޭ ވަރުގަދަ ކުރިމަތިލުމަކީ ލިވަޕޫލާއި ފްރާންސްގެ ގަދަ ބާރު ޕީއެސްޖީގެ ކުރިމަތިލުމެވެ. މިއީ 2018-19 ވަނަ އަހަރުގެ ސީޒަނަށްފަހު އެ ދެ ކްލަބުން ޗެމްޕިއަންސް ލީގުގައި ވާދަކުރާ ފުރަތަމަ ފަހަރު ވެސް މެއެވެ. އެފަހަރު ގްރޫޕް ސްޓޭޖުގައި ޕީއެސްޖީ އާއި ލިވަޕޫލް ވާދަކުރަން ޖެހިފައިވާ އިރު، ފުރަތަމަ މެޗުން މޮޅުވީ ލިވަޕޫލެވެ. އަދި އަނެއް މެޗުގައި ޕީއެސްޖީން ލިވަޕޫލް ބަލިކުރިއެވެ.

ގްރޫޕް ސްޓޭޖުގައި ޕީއެސްޖީ ކައިރިން ލިވަޕޫލް ބަލިވި ނަމަވެސް، ނޮކްއައުޓްގައި ތަފާތު ދައްކައި ލިވަޕޫލުން ވަނީ އެފަހަރު މުބާރާތުގެ ތަށި ނަގައިފައެވެ.

މިފަހަރު ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ މެޗުތައް އޮންނާނީ މާޗު ހަތަރެއް އަދި ފަސްވަނަ ދުވަހުގެ އިތުރުން މާޗު 11 އަދި 12 ވަނަ ދުވަހުއެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ މެޗުތައް

  • ޕީއެސްޖީ - ލިވަޕޫލް
  • ރެއާލް މެޑްރިޑް - އެތުލެޓިކޯ މެޑްރިޑް
  • ފެޔެނޫޑް - އިންޓަ މިލާން
  • ބްރޫޝިއާ ޑޯޓްމުންޑް - ލިލް
  • ކްލަބު ބްރޫޖް - އެސްޓަން ވިލާ
  • ޕީއެސްވީ - އާސެނަލް
  • ބަޔާން ލެވަކޫސަން - ބަޔާން މިއުނިކް
  • ބެންފިކާ - ބާސެލޯނާ