ރާއްޖެއަށް 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގައި ދިން އުދުވާނީ ހަމަލާގެ ތަފްސީލީ މައުލޫމާތު ދައްކުވައިދޭ ހާއްސަ މައުރަޒެއް ބޭއްވުމަށް ނިންމައިފިއެވެ.
މިއަހަރުގެ ނަސްރުގެ ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ އެ މައުރަޒު ހުޅުވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު ނެޝަނަލް އާޓް ގެލެރީގައެވެ. އެ މައުރަޒު ހުޅުއްވައިދެއްވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
"ނަސްރު ދުވަހުގެ ސިފައިންގެ މައުރަޒު"ގެ ނަމުގައި ހުޅުވާ އެ މައުރަޒު މާދަމާ އިން ފެށިގެން މިމަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖައްސައިފައެވެ. އެ މައުރަޒު ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް، މެންދުރުފަހު 2:00 އިން ހަވީރު 6:00 އަށް، އަދި ރޭގަނޑު 8:00 އިން 10:00 އަށް ހުޅުވާފައި ހުންނާނެ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން އެމްއެންޑީއެފްގެ ކޮމާންޑް ސާޖަންޓް މޭޖާ އަބްދުﷲ ސައީދު ވިދާޅުވީ ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގައި ކުރިމަތިވި ބޮޑު ނުރައްކަލާއި ޝަހީދުވެގެންދިޔަ ޝަހީދުންގެ ޒިކުރާ އާކުރުމާއެކު މިއަދުގެ ޒުވާން ޖީލަށް އެ ހާދިސާ ބަޔާންކޮށްދީ، ބުނެދީ، އަންގައިދީ، އަދި އޭގެ އިތުރުން އުނގަންނައިދިނުމަށް ވެސް މަގުފަހިވެގެންދާނެ މައުރަޒަކަށް އެ މައުރަޒު ވެގެންދާނެ ކަމަށެވެ.
އެ މައުރަޒުގައި ކުރެހުމާއި ފޮޓޯގެ އިތުރުން އަޑާއި ވީޑިއޯ އަދި ނޮވެމްބަރު 3 ގެ ހަނދާންތައް ހުންނާނެ ކަމަށާއި ހަމައެއާއެކު ނޮވެމްބަރު 3 ގައި ބޭނުންކުރި ބައެއް އާލާތްތައް ވެސް ދައްކާލުމަށް ބަހައްޓާނެ ކަމަށެވެ. އެހެންކަމުން އެ މައުރަޒަކީ މިހާތަނަށް މިގޮތަށް ބޭއްވޭ ފުރަތަމަ މައުރަޒުކަން ސައީދު ފާހަގަކުރެއްވިއެވެ.
"ނަސްރުގެ ދުވަހުގެ ގައުމީ ބަތަލުގެ ގޮތުގައި އަޅުގަނޑުމެން ފާހަގަކުރަމުން މި ގެންދަނީ ޝަހީދު ކޯޕްރަލް ހުސައިން އާދަމް. ޝަހީދު ކޯޕްރަލް ހުސައިން އާދަމް އެ ދުވަހު އެ ހަނގުރާމައިގައި ނުވަތަ އެ ޖިހާދުގައި ބޭނުންކުރެއްވި ބަޑި އަޅުގަނޑުމެންނަށް މި މައުރަޒުގައި ދައްކާލަން ބެހެއްޓޭނެ. އެހެންވީމާ ވަޑައިގަންނަވާ ފަރާތްތަކަށް އެ ބަޑިއާއެކު ފޮޓޯ ނެގޭނެ. މިހާތަނަށް އަޅުގަނޑުމެންނަށް އެގޮތަށް އެ ބަޑި ޑިސްޕްލޭ ކޮށްދެވިފައެއް ނުވޭ،" އޭނާ ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ޝަހީދު ހުސައިން އާދަމް ޝަހީދުވެގެން ވެއްޓިވަޑައިގެންނެވި ސެނގަރާ ދާދި އެއް ސައިޒަކަށް ހަދާފައި ހުރި ނަމޫނާ ސެނގަރެއް މައުރަޒުގައި ބެހެއްޓިފައި ހުންނާނެ ކަމަށާއި އެ ސެނގަރު ކައިރިއަށް ހުއްޓުމުން އެ އަޑާ އެއްކޮށް އެ ދުވަހު ޝަހީދު ހުސައިން އާދަމް ވެއްޓިވަޑައިގެންނެވި ތަން ހުރި ގޮތް ތަސައްވުރު ކުރެވޭނެ ކަމަށެވެ.
"ހަމައެއާއެކު އެއީ ކިހާވަރެއްގެ ހިމާޔަތެއް، ރައްކާތެރިކަމެއް ލިބެން ހުރި ތަނެއްތޯ އާއި ދީނާއި ގައުމަށްޓަކައި ޝަހީދުވެވަޑައިގެންނެވި އިރުގައި އެ ސެނގަރު ހިމާޔަތެއްގެ ގޮތުގައި ބޭނުންކުރެއްވި ކުރެއްވުން ރަނގަޅަށް ތަސައްވުރު ކުރެވިގެންދާނެ އެ ދުވަހުގެ މި މައުރަޒުން. އަދި އޭގެ އިތުރުން މައުރަޒުގައި ހުންނާނެ ސިފައިން އެ ދުވަހު ދުޝްމަނުން ކުރިއަށް އެރިޔަނުދީ، ދުޝްމަނުން ފަހަތަށް ޖެއްސުމަށްޓަކައި ބޭނުންކުރި މުހިންމު ހަތިޔާރުތައް ވެސް ދައްކާލަން ބަހައްޓާފައި،" އޭނާ ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ދިވެހި ސިފައިން އެ ދުވަހު ބޭނުންކުރި ޖީޕީއެމްޖީ، ޕީކޭއެމް އަދި ބްރައުނިން މެޝިން ގަން ކަހަލަ ހަތިޔާރުތައް މައުރަޒުން ފެންނަން ހުންނާނެ ކަމަށާއި ދުޝްމަނުން އެ ދުވަހު ބޭނުންކުރި ހަތިޔާރުތައް ވެސް ދައްކާލެވޭނެ ކަމަށެވެ. އަދި މުޅި މައުރަޒު ރޭވިފައިވާނީ ނުވަ ސެގްމެންޓަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"އެއިން ކޮންމެ ސެގްމަންޓެއްގެ ތެރޭގައި ވެސް ސެންޓަޕީސްތަކުގެ ގޮތުގައި ބައެއް އެއްޗެހިތައް ބެހެއްޓޭނެ. އެގޮތުން އެ ދުވަހު ސިފައިން ބޭނުންކުރި ބައެއް ޔުނީފޯމުތައް، ޝަހީދުވެގެން ވެއްޓިވަޑައިގެންނެވި ބޭފުޅުން ބޭނުންކުރެއްވި އަސްލު ޔުނީފޯމެއް އަޅުގަނޑުމެން އަތުގައި މިވަގުތަކު ނެތް، އެހެންނަމަވެސް އެ ޔުނީފޯމުތަކާ އެއް ވައްތަރު ޔުނީފޯމުތައް އަޅުގަނޑުމެން ދައްކާލައިދޭނަން. އަދި އެ ދުވަހު ޝަހީދުވެވަޑައިގެންނެވި ބައެއް ބޭފުޅުންނާ ބެހޭ ވަރަށް ގިނަ މައުލޫމާތުތަކެއް ލިބިވަޑައިގަންނަވާނެ،" އޭނާ ވިދާޅުވިއެވެ.
ސައީދު އިތުރަށް ވިދާޅުވީ މިހާތަނަށް އާންމު ނުކުރާ ބައެއް ފޮޓޯތަކާއި އަދި އެ ދުވަހު ސިފައިންގެ އެތެރޭގެ ހަރަކާތްތައް އެ މައުރަޒުގެ ތެރޭގައި ދައްކާލާނެ ކަމަށާއި މައުރަޒު ފަރުމާކުރެވިފައިވަނީ މައުރަޒަށް ފުރަތަމަ ވަންނަ ވަގުތުން ފެށިގެން ގޮސް މައުރަޒު ނިމިގެން އަންނަންދެން ވެސް، އެ ދުވަހުގެ ޓައިމްލައިން އެއްކޮށް އެނގިގެންދާ ގޮތަށް ކަމަށެވެ.