ބާރުގަދަ އެތައް ބައެއްގެ ބާރުގެ ތެރޭގައި ތަޅުލެވިފައިވާ އެތައް ކަމެއް ރައްޔިތުންގެ ފަޅިއަށް ސަރުކާރު ޖެހިލައިގެން ހައްލުކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
ހުޅުމާލޭގައި ހެދި، "ޕެޓް ކެއާ ފެސިލިޓީ" ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ ސަރުކާރަކީ ރައްޔިތުންގެ ސަރުކާރެއް ކަމަށާއި ކަންކަން ކުރާނީ ރައްޔިތުންގެ އިހުސާސްތަކާއި ވިސްނުމާ އެއްގޮތަށް ރައްޔިތުންގެ ފަޅީގައި ތިބެގެން ކަމަށެވެ. އަދި އެކަމުގައި ދެވަނަ ވިސްނުމެއް ނުގެންގުޅުއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިއަދާ ހަމައަށްވެސް ސަރުކާރުން އަންނަނީ ރައްޔިތުންގެ ފަޅީގައި ތިބެގެން ކަންކަން ކުރަމުން އަންނަކަން ދައްކައިދެމުން ކަމަށެވެ. އެގޮތުން އަތްލާން ނުކެރިފައި ހުރި އެތައް ކަމެއް ރައްޔިތުންގެ ފަޅިއަށް އަރައިގެން ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
"އެތައް ދުވަހެއްވީ، އަތްލާން ނުކެރިފައި ހުރި އެތައް ކަމެއް، ބާރުގަދަ އެތައް ބައެއްގެ ބާރުގެ ތެރޭގައި ތަޅުލެވިފައި ހުރި އެތައް ކަމެއް، ރައްޔިތުންގެ ފަޅިއަށް ސަރުކާރު ޖެހިލައިގެން ހައްލުކުރަމުން މިދަނީ. ކުރިއަށް އޮތް ތާނގައިވެސް އެ ގޮތުގައި ކުރިއަށްދާނީ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި ސަރުކާރަކީ ވާ ވައުދުތައް ފުއްދާ، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންތައްތައް ކުރެއްވުމަށް އިސްކަންދޭނެ ސަރުކާރެއް ކަމަށެވެ. އެގޮތުން އެ މަނިކުފާނު ވަޑައިގެން 160 ކައުންސިލަކާ ބައްދަލުކުރައްވައި، ކައުންސިލަރުންގެ ކަންބޮޑުވުންތައް އަމިއްލަފުޅަށް ނޯޓުކުރައްވައި، އެކަންކަމަށް ހައްލު ހޯދައިދެއްްވުމަށް މަސައްކަތްކުރައްވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ކައުންސިލުތައް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ބާރުވެރިކުރުވައިގެން، ކަންތައްތައް ކުރުމުގައި އަމަލާއި ބަހާ ދިމާވާ ކަމަށެވެ.