ޚަބަރު

މާދަމާ އިން ފެށިގެން ވޭޕުން 200 ޕަސެންޓް، ސިނގިރޭޓް 50 ޕަސެންޓުން ޑިއުޓީ ބޮޑުކުރަން ފާސްކޮށްފި

އިބްރާހިމް ޒަކީ

މާދަމާ އިން ފެށިގެން ސިނގިރޭޓް ބާވަތްތަކާއި ވޭޕްގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް އިސްލާހުގެ ގެނައުމަށް ސަރުކާރުން ހުށަހަޅައިގެން މިއަދު ފާސްކުރި ބިލުގައި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އޭގެ ބައިތަކުގެ ޑިއުޓީ 25 ޕަސެންޓުގައި އޮއްވައި، އޭގެ ތެރެއަށް ޓޮބޭކޯ ހީޓިން ޕްރޮޑަކްޓްތައް (ޑިވައިސަސް) އާއި އެ އެއްޗެހީގެ ބައިބައި އިތުރުކޮށް ޑިއުޓީ 25 ޕަސެންޓުން 200 ޕަސެންޓަށް ވަނީ ބޮޑުކޮށްފައެވެ.

ސިނގިރޭޓާއި ބިޑީގެ ޑިއުޓީވެސް 25 ޕަސެންޓުން 50 ޕަސެންޓަށް ވަނީ ބޮޑުކޮށްފައެވެ. އެއީ ސިނގިރޭޓު އަދި ބިޑިއަކުން އަށް ރުފިޔާއެވެ. އިލެކްޓްރޯނިކް ސިނގިރޭޓަށް ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ އެ ނޫންވެސް އާލާތްތަކަށް އަޅާ ފްލޭވާ އާއި ކެމިކަލްގެ ޑިއުޓީވެސް 50 ޕަސެންޓަށް ވަނީ ބޮޑުކޮށްފައެވެ.

އޭގެ އިތުރުން ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓުތައް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުގެ ޑިއުޓީވެސް 50 ޕަސަންޓަށް އަދި އެ ބާވަތްތައް ފިޔަވައި ދެން ހިމެނޭ ދުންފަތުގެ ބާވަތްތަކުން ޑިއުޓީވެސް ވަނީ 200 ޕަސެންޓަށް ބޮޑުކޮށްފައެވެ.

މި ބިލު މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 71 މެންބަރުންގެ ތާއިދާއެކުއެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ އަށް މެންބަރުންނެވެ.

ބިލުގައިވާ ގޮތުން މި ގާނޫނަށް އަމަލުކުރަން ފަށާނީ މާދަމާއިން ފެށިގެންނެވެ. ނަމަވެސް އެއީ ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައި ގެޒެޓް ކުރެއްވުމުންނެވެ.

މި ބަދަލުގެ ސަބަބުން މި އަހަރު އެކަނިވެސް ދައުލަތަށް އާމްދަނީގެ ގޮތުގައި 180.3 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު، މި އަންނަ އަހަރު ދައުލަތަށް ހަމައެކަނި ސިނގިރޭޓުގެ އިމްޕޯޓު ޑިއުޓީންވެސް އާމްދަނީގެ ގޮތުގައި 1،058.7 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކޮށް ވިއްކުން 15 ނޮވެމްބަރު 2024 އިން ފެށިގެން މަނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މިމަހުގެ 14 ވަނަ ދުވަހުއެވެ.

ރައީސް އެކްސްގައި އެކަން އިއުލާންކުރެއްވުމަށް އެ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ‏ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން ނޮވެމްބަރު 15، 2024 އިން ފެށިގެން މަނާ ކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން ޑިސެމްބަރު 15، 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.

މީގެ އިތުރުން ދުންފަތުގެ އުފެއްދުންތަކުގެ ވިޔަފާރީގެ މުއާމަލާތްކުރެވޭ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް ކަނޑައެޅުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ވެސް ރައީސް ވަނީ ނިންމަވައިފައެވެ. ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ދިވެހިރާއްޖެއަށް އެތެރެކޮށް ބޭނުންކުރުން މަނާކުރުމުގެ އިތުރުން، ޒުވާނުން ދުންފަތުގެ ގޯސް އާދައިން ދުރުކުރުމަށްޓަކައި އެގޮތަށް ނިންމަވާފައިވާ ކަމަށާއި އެ އިސްލާހުތައް މަޖިލީހަށް ހުށަހެޅުމަށް ނިންމަވާފައިވާ ކަމަށެވެ.