ޚަބަރު

އުރީދޫ ފަން ރަން ޑިސެމްބަރު 20 ގައި، ރަޖިސްޓްރީވުމަށް ހުޅުވާލައިފި

އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އުރީދޫ ފަން ރަން މިއަހަރުގެ ޑިސެމްބަރު 20 ގައި ބޭއްވުމަށް ނިންމައި، އެ ދުވުމުގައި ރަޖިސްޓްރީވުމަށް މިއަދު ހުޅުވާލައިފިއެވެ.

އުރީދޫން މިއަދު ބުނީ https://go.ooredoo.mv/fun-run-2024/ މެދުވެރިކޮށް ފަން ރަންގައި ރަޖިސްޓްރީ ކުރެވެން ހުންނާނެ ކަމަށެވެ. ދުވުމުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ނޮވެމްބަރު މަހުގެ 16 ގެ ނިޔަލަށް ކަމަށް އުރީދޫން ބުންޏެވެ.

ފަން ރަންގެ ކިޓްތައް ލިބެން ހުންނަނީ ދެ ކެޓަގަރީއަކަށް ކަމަށާއި އެއީ ސްޓޭންޑަޑް ކިޓްސް އަދި ފަން ކިޓްސް ކަމަށް އުރީދޫން ބުންޏެވެ. ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓް އަދި ރިސްޓްބޭންޑް ހިމެނޭ އިރު، އަގަކީ 100 ރުފިޔާ ކަމަށް އުރީދޫން ބުންޏެވެ. 210 ރުފިޔާއަށް ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި ފޮތި ދަބަސް އައިނު އަދި ބަންޑާނާ ހިމެނޭ ކަމަށް އުރީދޫން ބުންޏެވެ.

ހަ އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ދުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރެވެން ހުންނާނެ ކަމަށް އުރީދޫން ބުންޏެވެ.

"ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާންމުކޮށް ދުވާ ފަރާތްތަކަށް ވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެކެވެ. އުރީދޫ ފަން ރަންގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ ހިނގާފައި، ޖޮގްކޮށްފައި، ދުވެފައި ނޫނީ ނަށަމުން ވެސް މި ދުވުން ނިންމިދާނެއެވެ..،" އުރީދޫން ބުންޏެވެ.

އުރީދޫ ފަން ރަންއަކީ ކޮންމެ އަހަރަކު އުރީދޫން ބާއްވަމުންދާ ހަރަކާތްތަކުގެ ތެރެއިން އާންމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށްގެންދިޔަ އެ ހަރަކާތްތަކުގައި 5،000 އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ.