އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް މިއަދު ސަރުކާރުގެ ފަރާތުން ހުށަހެޅި 56.6 ބިލިއަން ރުފިޔާގެ ބޮޑު ބައެއް ސިއްހީ ދާއިރާއަށާއި އިގުތިސޯދީ އަދި ސިނާއީ ދާއިރާއަށް ހާއްސަކޮށްފިއެވެ.
ބަޖެޓުގައިވާ ގޮތުން ސިއްހީ ދާއިރާއަށް ވަނީ 8.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފައެވެ. އިގުތިސޯދީ އަދި ސިނާއީ ދާއިރާއަށް ކަނޑައަޅައިފައިވަނީ 7.2 ބިލިއަން ރުފިޔާއެވެ. ތައުލީމީ ދާއިރާއަށް 5.3 ބިލިއަން ރުފިޔާގެ ބަޖެޓެއް ހިމެނި އިރު، އެއާ ދާދި އެއްވަރުގެ އަދަދެއް ވަނީ ދަރަނީގެ ހިދުމަތުގެ ހަރަދުގެ ގޮތުގައި ހިމަނައިފައެވެ. އާންމު ހިދުމަތްތަކަށް ވަނީ 4.1 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފައެވެ.
އަދުލު އިންސާފާއި އަމަންއަމާންކަމަށް 4.3 ބިލިއަން ރުފިޔާގެ ބަޖެޓެއް ހިމެނި އިރު، އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާއަށް ވަނީ 3.9 ބިލިއަން ރުފިޔާ ހިމަނައިފައެވެ. އެހެނިހެން ހަރަދުގެ ގޮތުގައި ބަޖެޓުގައި ހިމަނައިފައިވަނީ 7.9 ބިލިއަން ރުފިޔާއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ބުނީ އަންނަ އަހަރަށް ހުށަހެޅި އެ ބަޖެޓުގެ އަމާޒަކީ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނެވިކަން އިއާދަކޮށް އިގުތިސޯދު ރީފޯމް ކުރުމުގެ އެޖެންޑާއާއި ސަރުކާރުގެ މެނިފެސްޓޯގެ ކަންކަން ތަންފީޒުކުރުން ކަމަށެވެ. އަންނަ އަހަރު ހިލޭ އެހީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.
ޑޮލަރުން ލިބޭ އާމްދަނީ އިތުރުކުރުމުގެ ގޮތުން ޓީޖީއެސްޓީ، ގްރީން ޓެކްސް އަދި އެއާޕޯޓުގެ ޓެކުހާއި ފީ ރޭޓު މަތިކުރުމަށް ބަޖެޓުގައި ނިންމައިފައިވާ ކަމަށް ފިނޭންސުން ބުންޏެވެ.